ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި ހުކުރު ދުވަހު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް މޯލްޑިވްސް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ހުކުރު ދުވަހު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެންޑީއެމްއޭ އިން ހަރަކާތްތެރިވެފައިވާ ކަމަށް ބުނެފަ އެވެ.
އެގޮތުން މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެއަށް ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެ، ގޭތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، އެގޭގައި ދިރިއުޅޭ 4 ފަރާތަކަށް 1 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި 5 ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމް އެންޑީއެމްއޭ އިން ހަމަޖައްސަދީފައިވާ ކަމަށް އެ އޮތޯރިޓީއިން ބުނެފައިވެ އެވެ.
މީގެ އިތުރުން، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދީފައިވެ އެވެ.