ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދަނީ ގެއްލެމުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ވާދަވެރި ގައުމުތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެ ކަމަށެވެ. 

އެގޮތުން ޕާކިސްތާނާއެކު ދިފާއީ ދާއިރާއިން ރާއްޖެއިން ގުޅުން ބަދަހިކުރަން ނިންމި ނިންމުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ ޕާކިސްތާނާއެކު ގުޅުން ބަދަހި ކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވާނެ ކަމެއް ކަމުގައި ވިދާޅުވެފަ އެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާ ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ވަނީ ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރި އާއި ދިފާއީ ދާއިރާ އާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެފަ އެވެ.  

މީގެ އިތުރުން، ރައީސް މުއިއްޒުއާ އެކު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު ދެއްވާފައިވާކަން ފާހަގަކޮށްލެވެ އެވެ.