ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ހދ. ކުމުންދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުއްވައި ދެއްވުމަށްފަހު ވާހަކަދައްކަވަމުން ފުލުހުންގެ ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވީ، މުހިންމު ކަމަކީ ރައްޔިތުންނާ ގުޅިގެން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކު ގާނޫނީ ޒިންމާ އަދާކުރުން ކަމަށެވެ. އަދި ރެކްރޫޓްމަންޓް އިތުރުވަމުންދާ ވަރަކަށް ކުރިއަށް އޮތް ތަނުގައި ކުމުންދޫގައި މަސައްކަތްކުރާ ފުލުހުންގެ އަދަދު ވެސް އިތުރުކުރެވިގެންދާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ.
މާޒީގައި އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލް އިދާރާތަކުންނާއި ކުލީ ކޮޓަރިތަކުން ޖާގަ ހޯދައިގެން މަސައްކަތްކުރަން ޖެހުނުކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ފެށިގެން މިދިޔައީ ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތަކުގައި ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދެވޭނެ އައު ބާބެއް ކަމަށެވެ.
ހަމައެއާއެކު، ވަކިވަކި އޮޕަރޭޝަންތަކަށް ފުލުހުން އިސްކަންދޭ ވަގުތުތަކުގައި އެހެނިހެން ހިދުމަތްތަކަށް ބަދަލެއް އަތުވެދާނެ ކަމަށް އާންމުން ދެކޭ ދެކުމަށް އިޝާރާތްކުރައްވަމުން ސީޕީ ވިދާޅުވީ، އޮޕަރޭޝަނަލް އިސްކަންދިނުންތައް ހުރި ނަމަވެސް، ގާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލު ނުވާނެ ކަމަށެވެ.
މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި އެ ރަށެއްގައި ތިބޭ ފުލުހުންގެ އަދަދަށްވުރެ މުހިންމީ، ގާނޫނީ ޒިންމާ އަދާކުރުމުގައި ރައްޔިތުންނާ ގުޅިގެން އޯގާތެރިކަމާއެކު ހިދުމަތްދީ، ރަށުގެ އަމާން މާހައުލު ދެމެހެއްޓުން ކަމަށް ސީޕީ ވިދާޅުވި އެވެ.
އެހެންކަމުން، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން ކަމަށް ސީޕީ ވިދާޅުވި އެވެ.