އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް، (އިންޒެކް 2026) ގެ ދެވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ޕެނަލިސްޓުން މޯލްޑިވްސް ޒަކާތު ހައުސްއިން އިއުލާންކޮށްފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން މައުލޫމާތު ދޭ ގޮތުގައި 'ވިލުންތެރިކަމުގެ އަސާސު: އެކި ދާއިރާތައް އެކުގައި މަސައްކަތްކުރުމާއި، ގުޅިގެން ނެރެވިދާނެ ހައްލުތައް' މި މައުޟޫއަށް ކުރިއަށްގެންދާނެ މި ސެޝަންގައި، ޒަކާތުގެ އިދާރާތަކާއި، ޓެކްނޮލޮޖީ ދާއިރާއާއި، އިޖުތިމާއީ ޚިދުމަތްތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއިން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ސެޝަންގައި، ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރުދުންނާއި އާއިލާތަކަށް ދެވޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރެވޭނެ އެވެ.
މި ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު އައްބާސް، މައިންޑްކޯގެ ހެޑް އޮފް ޑިޖިޓަލް ސޮލިއުޝަންސް މުހައްމަދު އަރުޝަދު، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ސޯޝަލް ސަރވިސަސް ކޯޑިނޭޓަރ އަބްދުﷲ އަޝްރަފް، އަދި މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ނައިބު ރައީސް ހަސަން ޝަމާމެވެ.
މި ސެޝަންގައި، އެކި މުއައްސަސާތަކުން ވަކިވަކިން ކުރަމުންދާ މަސައްކަތްތަކުން ދުރަށްޖެހި، ސަރުކާރުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި، ޑިޖިޓަލް ވަސީލަތްތަކާއި އަދި އަމިއްލަ ދާއިރާގެ މަސައްކަތްތަކާ ޒަކާތާއި އެހެނިހެން އިސްލާމީ އިޖުތިމާއީ ފައިނޭންސް ގުޅުވައިދޭ ޤައުމީ ފެންވަރުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބަލާލާނެ އެވެ. އަދި މިފަދަ ގުޅިފައިވާ މަސައްކަތްތަކުގެ ސަބަބުން އެހީ ލިބޭ ފަރާތްތަކުގެ ތަފާތު ބޭނުންތަކަށް ހައްލު ހޯދައިދީ، މާލީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވޭނެ އެވެ.
އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ވިސްނުންތައް އެއްތަނަކުން ހިއްސާކޮށް ކުރިއަށްދާނެ މި މަޝްވަރާތަކުން މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ވަސީލަތްތައް ބޭނުންކުރުމުގައި އެއް އަމާޒެއް ކަނޑައެޅުމާއި އެހީ ލިބޭ ފަރާތްތަކަކީ މާލީ އެހީތެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި އިޤްތިސާދީ ގޮތުން އަމިއްލަ ފުދުންތެރިކަން ލިބިފައިވާ ބަޔަކަށް ހެދުމަށް ޓަކައި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވިދާނެ ގޮތްތައް ހޯދުމަށް ފުރުސަތު ލިބިގެންދާނެކަމަށް ވެސް ޒަކާތު ހައުސްއިން މައުލޫމާތުދެ އެވެ.
އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ވާ ދުވަހުގެ ހެނދުނު 8:30 އިން ރޭގަނޑު 7:00 އަށް، މާލެ ސިޓީގެ އިސްލާމީ މަރުކަޒުގަ އެވެ.