ކައުންސިލަރުންގެ މުސާރަ ބޮޑުވުމަކީ ބޭނުންތެރި ކަމެއް ނަމަވެސް، ދައުލަތުން އިތުރު ބަޖެޓެއް ނުދީ ކައުންސިލަށް ލިބޭ ބްލޮކް ގްރާންޓުގެ ތެރެއިން އެ ޚަރަދު ހަމަޖައްސަން ޖެހުމުން ރަށުގެ ތަރައްގީއަށް ކުރަންހުރި މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ކަމަށް ށ. ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ރަޝީދު ވިދާޅުވީ، ކައުންސިލްގެ ރައީސެއްގެ ހައިސިއްޔަތުން މުސާރަ ބޮޑުވުމަކީ އޭނާ ވެސް ބޭނުންވާ އަދި ރަނގަޅު ކަމެއް ނަމަވެސް، އެކަން ހަމައެކަނި އެގޮތަށް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މުސާރަ ބޮޑުކުރަނީ ސަރުކާރުން ނަމަވެސް، އެކަމުގެ މުޅި މާލީ ބުރަ އުފުލަން ޖެހެނީ އެ ރަށެއްގެ ރައްޔިތުންނަށް ދައުލަތުގެ ބަޖެޓުން ދޭ 5 އިންސައްތައިގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުވެސް މިއީ ކައުންސިލް ރައީސެއްގެ ހައިސިއްޔަތުގައި އަޅުގަނޑު ފާހަގަކުރަން އަޅުގަނޑުވެސް މުސާރަ ބޮޑުވީމަ އެ ބޮޑުވި ބޮޑުވުން އަޅުގަނޑުވެސް ހަމަ ރަނގަޅު ވަރަށް ކަމުދޭ. އާދެ، އެހެންނަމަވެސް ހިތާމައަކީ މިއީ މުސާރަ ހަމައެކަނި އެ ގޮތަށް ބޮޑުކަމަކީ އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއްވެސް ނޫން. އާދެ، އަޅުގަނޑުމެންނަށް މި ލިބޭ މި ދައުލަތުން ފާސްކުރާ މި ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން އާބާދީއަށް ބަލާ ކައުންސިލަށް މި ފޯރުކޮށްދޭންޖެހޭ މި 5 އިންސައްތަ ތެރެއިން ތެރެއިން މި އަޅުގަނޑުމެން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ނޫނީ ރައްޔިތުންނަށް ރަށުގެ ތަރައްގީއަށް ކުރަންހުރި މަސައްކަތުގެ ތެރެއިން މި މުސާރަ ނަންގަވަން މި ޖެހެނީ. އެއީ ހަމައެކަނި ހިތާމައަކީ
އަލީ ރަޝީދު

މީގެ އިތުރުން އަލީ ރަޝީދު ވިދާޅުވީ، އޭނާ ކައުންސިލާ ހަވާލުވެވަޑައިގެންނެވި ފަހުން މިއީ މުސާރަ ބޮޑުވި ތިންވަނަ ފަހަރު ކަމަށާއި، މި ހުރިހާ ފަހަރަކު ވެސް އެ ބުރަ އުފުލަން ޖެހުނީ ކައުންސިލްގެ ބަޖެޓުން ކަމަށެވެ.

އެގޮތުން މުސާރަ ބޮޑުކުރާ ކޮންމެ ފަހަރަކު ކައުންސިލުން ގާތްގަނޑަކަށް 250،000 ރުފިޔާ ޚަރަދުކުރަން ޖެހޭ ކަމަށާއި، އޭގެ ސަބަބުން ރަށުގައި ހިންގަން ރާވާފައި ހުންނަ ޕްރޮގްރާމްތަކާއި މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑު މި ކައުންސިލާ ހަވާލުވެފައި އަޅުގަނޑުމެން ތިންވަނަ ފަހަރަށް މުސާރަ ބޮޑުވެގެން މި ދިޔައީ. އެ ތިން ފަހަރުވެސް އަޅުގަނޑުމެން ޚަރަދުކުރަން މިޖެހެނީ. އޭގެ ތެރެއިން އެ ބޭފުޅުންނަށް މި އަޅުގަނޑުމެންނަށް މުސާރަ މި ނަންގަވަނީ. އެހެންވީމާ އޭގެ މާނައަކީ އަޅުގަނޑުމެން ބަޖެޓުކޮށްފައި ހުންނަ ކަންކަން ހުއްޓާލާފައި އަޅުގަނޑުމެން މި ދެން މި ބޮޑުވާ މުސާރަ ދިނުމުގައި އަޅުގަނޑުމެން ތިބެން މި ޖެހެނީ. އެހެންވީމާ އެ އަހަރަކަށް އަޅުގަނޑުމެން ކަނޑައަޅާ ޕްރޮގްރާމްތަކަކުން އެންމެ މަދުވޭ ކޮންމެ އަހަރަކުވެސް ބޮޑުކުރާ ކޮންމެ ފަހަރަކު ގާތްގަނޑަކަށް ދެ ލައްކަ ފަންސާސް ހާސް ރުފިޔާ ކޮންމެ ފަހަރަކު އެބަދޭ އަޅުގަނޑުމެންނަށް
އަލީ ރަޝީދު

މި މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާއެކު މަޝްވަރާކުރިކަން ފާހަގަކުރައްވައި އަލީ ރަޝީދު ވިދާޅުވީ، އެކަން ހަމަޖައްސައިދޭނެ ކަމަށް ބުނި ނަމަވެސް، މިއަދާ ހަމައަށް ވެސް މުސާރަ ބޮޑުކުރުމާ ގުޅިގެން އެއްވެސް ކައުންސިލަކަށް ބަޖެޓު އިތުރުކޮށްދީފައި ނުވާ ކަމަށެވެ.