ށ. ފީވަކުގައި ދޫކޮށްފައިވާ 137 ގޯތީގެ ބިން ހިއްކުމުގެ މަސައްކަތް ހަފުތާއެއްހާ ދުވަހު ކުރުމަށްފަހު ހުއްޓިފައި އޮންނަތާ އަހަރެއްހާ ދުވަސް ވެފައިވާތީ، އެ ރަށު ކައުންސިލާއި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ށ. ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވާހަކަ ދައްކަވަނީ
ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ށ. ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވާހަކަ ދައްކަވަނީ

ހުކުރު ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ރަޝީދު ވިދާޅުވީ، ފީވަކަކީ އުފެދުމުގައި ވެސް ގާތްގަނޑަކަށް 80 އިންސައްތަ ޗަކަބިން އޮންނަ ރަށެއް ކަމަށާއި، ރަށުގައި ފުރަތަމަ މީހުން ދިރިއުޅެން ފެށީ ހިކި ތަންކޮޅުގައި ކަމަށެވެ.

އެގޮތުން ހިކި ބިން ނެތުމުގެ ސަބަބުން ރަށުގައި ގެދޮރުއެޅޭނެ ގޮތެއް ނެތި، އަދި އަމިއްލަ ގެދޮރަށް ދެވޭނެ މަގެއް ނެތުމުން މީގެ ކުރިން ވަރަށް ގިނަ ރައްޔިތުން ރަށް ދޫކޮށް ދާންޖެހުނު ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުން ވެސް އެ ރަށުގައި 113 ގޯއްޗެއްގެ ބިން ހިއްކައިދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ށ. ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވާހަކަ ދައްކަވަނީ

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ށ. ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވާހަކަ ދައްކަވަނީ|ރާއްޖެއެމްވީ

މި ސަރުކާރު އައުމަށްފަހު ވެސް ރައްޔިތުން އެންމެ ބޭނުންވި އެއް ކަމަކީ މިހާރު ދޫކޮށްފައިވާ 137 ގޯތީގެ ބިން ހިއްކުން ކަމަށާއި، އެކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވި ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ. 

އަޅުގަނޑަށް ޑރ. މުއިއްޒުއާ ވެސް ބައްދަލުވީ މިދިޔަ އަހަރުގެ މެއި ގައި. އަޅުގަނޑާ އެކީގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ބޮޑަށް އެދުނު އެއްކަމަކީ މި ދެންނެވި މިހާރު ދޫކޮށްފައި އޮތް 137 ގޯތި ބިން ހިއްކައިދިނުން. އަޅުގަނޑަށް އެ ދުވަހު ހަމަ ޑރ. މުއިއްޒު ދެންނެވީ ރައީސަށް މައްސަލައެއް ނެތޭ. އަޅުގަނޑުމެން ހަމަ ވަރަށް ގާތުން އެކަން ކޮށްދެއްވައި ތިޔަ ހައްލެއް ހޯއްދަވައިދެއްވާނަމޭ
އަލީ ރަޝީދު  

މި ބައްދަލުވުމަށްފަހު ވަރަށް އަވަހަށް މަސައްކަތް ފެށި، މޫދަށް އެރޭ ތަނެއް ކޮނުމުގެ ތެރެއިން ލިބޭ ވެލިން އެ ގޯތިތައް ހިއްކުމުގެ މަސައްކަތް ހަފުތާއެއްހާ ދުވަހު ކުރިއަށްދިޔަކަން ފާހަގަކުރައްވައި އަލީ ރަޝީދު ވިދާޅުވީ، ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓިފައި އޮންނަތާ އެއް އަހަރު ދުވަސް ވެފައިވާ ކަމަށާއި، މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށްނުދާ ކަމަށެވެ.  

މީގެ އިތުރުން ދޫކޮށްފައިވާ 137 ގޯއްޗަށް ވަގުތީ ރަޖިސްޓްރީ ދީފައިވީ ނަމަވެސް، އެ ބިމަކީ ޗަކަބިމަކަށްވެފައި ދަނޑުވެރިކަން ކުރާ ސަރަހައްދަކަށް ވާތީ މުޅި ތަނުގައި ރުކާއި ގަސް ހުރުމުން ކައުންސިލުން ގޮސް އިން ވަކިކޮށް ދާއިމީ ރަޖިސްޓްރީ ހަދައިދެވެން ނެތް ކަމަށް ވިދާޅުވި އެވެ. އަދި އެ ސަރަހައްދަށް ވަދެއުޅުމަކީ ވެސް ދަތި އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯތިތައް ހަވާލުކުރުން ލަސްވާތީ ކައުންސިލަށް ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށާއި، ޒުވާނުން އަދިވެސް ދިރިއުޅެމުންދަނީ އާއިލާގެ މުސްކުޅި ގޯތިތަކުގައި ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ލިބޭ މަދު އާމްދަނީން އެފަދަ ގޯތިތައް އިތުރަށް ތަރައްގީ ކުރުމަކީ މާދަމާ އެތަންތަން ބަހަން ޖެހޭތީ ރަނގަޅު ގޮތަކަށް ނުވާތީ، ޒުވާނުންނާއި ރައްޔިތުންގެ އެދުމަކީ ވީހާވެސް އަވަހަކަށް އެ ބިން ހިއްކައި އަމިއްލަ ގެދޮރު ބިނާކޮށް ދިރިއުޅެވޭނެ މަގު ފަހިވުން ކަމަށެވެ.