ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރެއިން އަތޮޅު ކައުންސިލުތައް އުވިގެން ދިއުމަކީ ރަށްރަށުގެ ކައުންސިލުތައް ހިންގުމަށް ކުރިމަތިވި ވަރަށް ބޮޑު ދައްޗެއް ކަމަށާއި، އެއީ ބަލައިގަންނަން ދަތި ބަދަލެއް ކަމަށް ށ. ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ރަޝީދު ވިދާޅުވީ، ކައުންސިލުތައް އުފެދިގެން އައި ދައުރުގައި އިދާރީ މުވައްޒަފުންނާއެކު މަސައްކަތް ކުރުމުގައި ގިނަ ދަތިތަކެއް ހުރި ކަމަށެވެ. އަދި ފީވަކު ކައުންސިލް މިއަދާ ހަމައަށް ވާސިލުވުމުގައި ށ. އަތޮޅު ކައުންސިލުން ވެދިން އެހީތެރިކަން ފާހަގަކުރައްވައި އޭނާ ވަނީ ށ. އަތޮޅު ކައުންސިލަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަލީ ރަޝީދު ވިދާޅުވީ، ރަށު ކައުންސިލުތަކުގެ އިދާރީ ކަންކަމުގައި އެހީތެރިވެދީ، މުވައްޒަފުން ތަމްރީނުކުރުމަށް އަހަރަކު އެއްފަހަރު ނުވަތަ 6 މަހުން އެއްފަހަރު ވެސް އަތޮޅު ކައުންސިލުން ރަށްރަށަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި އަތޮޅު ކައުންސިލުގައި ރަށު ކައުންސިލުތަކުގެ ރައީސުން ހިމެނިވަޑައިގެން އެކުގައި މަސައްކަތް ކުރެއްވުމަކީ މުޅި އަތޮޅުގެ ތަރައްގީއަށާއި އިދާރީ ކަންކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މި އަތޮޅު ކައުންސިލު އުވިދިއުމަކީ ވެސް މި ރަށު ކައުންސިލުތަކަށް ވަރަށް ވަރަށް ދަތިވި ކަމެއް. ލާމަރުކަޒީ ގާނޫނުގެ ތެރެއިން މި ގެނެވުނު ބަދަލަކީ ކުރިން އަޅުގަނޑުމެން ނޭނގި އޮތް ބަދަލެއް ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަށްރަށު ކައުންސިލު ހިންގުމުގައި ވަރަށް ބޮޑު ދައްޗެއް އަޅުގަނޑުމެން ކުރިމަތިވީ އެއް ކަމަކަށް
އަލީ ރަޝީދު

މީގެ އިތުރުން ކައުންސިލުތަކަށް މުވައްޒަފުން ނެގުމުގައި ހުއްދަ ހޯދަންޖެހޭ ގޮތަށް އޮންނަ އުސޫލަށް ވެސް އަލީ ރަޝީދު ވަނީ ފާޑުވިދާޅުވެފަ އެވެ.

އެގޮތުން ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ވެރިންނަށް، ލިބިފައިވާ ބަޖެޓުގެ ތެރެއިން އެކަށީގެންވާ ވަރަށް މުވައްޒަފުން ނެގުމުގެ އިޚުތިޔާރު އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުން އިންތިޚާބުކޮށް ތިބި ވެރިންތަކެއް ތިބިއިރުގައި އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ރަށު ކައުންސިލަކުން އެ ބޭފުޅުންނަށް އެކަށީގެން ނުވާ ވަރަކަށް މުވައްޒަފުންތަކެއް ނަގައިގެން އެ ޚަރަދު ކޮށްފާނެ ކަމަކަށް. އެ ބަޖެޓެއް ނަގައިގެން އަޅުގަނޑުމެން ރިކަރިންގ ޚަރަދު ނިމޭއިރުގައި އަޅުގަނޑުމެން ތިބީ ނިމިފަ. އިތުރަށް އޭގައި ކުރާނެކަމެއް ނޯވޭ
އަލީ ރަޝީދު

ކުދި އާބާދީތަކުގެ ކައުންސިލަރުންގެ އަދަދާ ގުޅޭގޮތުން އަލީ ރަޝީދު ވިދާޅުވީ، މާލެ ސިޓީ ކައުންސިލް ފަދަ އާމްދަނީ ބޮޑެތި ކައުންސިލްތަކާ ޚިލާފަށް ކުދި ރަށްރަށުގެ ކައުންސިލުތަކަށް އާމްދަނީ ނުލިބޭތީ ކައުންސިލަރުން އަމިއްލައަށް މަސައްކަތު ނުކުންނަން ޖެހޭ ކަމަށެވެ. އަދި ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ވަޒީފާގެ ފުރުސަތުތައް ނެތުމަކީ ރައްޔިތުން ރަށް ދޫކޮށް ދާންޖެހޭ މައިގަނޑު އެއް ސަބަބުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަލީ ރަޝީދު ވިދާޅުވީ، ކުދި ރަށްރަށުގައި ތިން ކައުންސިލަރުންނާއެކު މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ނަމަވެސް، އޭގެ ސަބަބުން ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. 

އެހެންނަމަވެސް އުނދަގޫތަކެއް މިހާވެސް އެބަހުރި. މިސާލަކަށް އަޅުގަނޑުމެން ޗުއްޓީއަކަށް ދާންވިޔަސް މިއީ ވަރަށް އުނދަގޫ. އެންމެ ބޭފުޅަކު ބަހައްޓާފައި ޗުއްޓީއަށް ދިއުމަކީ ކައުންސިލަށް ހަމަ ނުހިނގުން ކަހަލަ ކަމެއް. އަނެއްކާ ކައުންސިލް ކަންކަން ނިންމަން އުނދަގޫވާނެ ދެއްތޯ. އަޣުލަބިއްޔަތުން ނިންމޭނެ ގޮތެއް ނޯންނާނެ
އަލީ ރަޝީދު

އަލީ ރަޝީދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ މައިގަނޑު އަސާސަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން ކަމަށްވާއިރު، ކައުންސިލްގައި ފަސް މެންބަރުން ތިއްބެވުމުން ކަންކަން ނިންމުމުގައި ގިނަ ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހިމެނިގެންދާނެ ކަމަށެވެ.