އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ކުރިއަށް
ގެންދިއުމަށް ނިންމާފައިވާ ރަސްމާލެ މަޝްރޫއަކީ ޒަޔަނިސްޓުންނަށް ވާގިވެރިވުމުގެ އަމަލެއް
ކަމަށާއި، އެ މަޝްރޫއުގެ އެއްބަސްވުމަކީ މުތުލަޤު ސިފައެއްގައި ބާތިލު އެއްބަސްވުމެއް
ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ
"ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. އަހުމަދު އަބްދުﷲ ދީދީ
ވަނީ މި މަޝްރޫއާ ގުޅޭގޮތުން ގާނޫނީ އަދި ދީނީ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފަ
އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ޒަޔަނިސްޓުން
ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ ގައުމުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަކީ
މުސްލިމުން އިންތިހާއަށް ދެކޮޅު ކަންކަން ކަމަށެވެ. ނަމަވެސް ރަސްމާލެ މަޝްރޫއު ހަވާލުކޮށްފައިވާ
އީގަލް ހިލްސް ކުންފުނީގެ ވެރިޔާ އަލައްބާރަކީ ޒަޔަނިސްޓުންގެ އެ އަމަލުތަކަށް ތާއީދުކުރައްވާ
ބޭފުޅެއް ކަމަށާއި، އެފަދަ ފަރާތަކާއެކު މަސައްކަތް ކުރުމަކީ ޒަޔަނިޒަމަށް ވާގިވެރިވުން
ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ފާޑުވިދާޅުވަމުން
ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިސްލާމީ ދައުލަތުގެ
މަފްހޫމަކީ ހަމައެކަނި މިސްކިތްތަކާއި ވަގުފް އިމާރާތްތައް ބިނާކުރުން ނޫން ކަމަށެވެ.

އިސްލާމީ ދައުލަތެއްގެ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ
ސިފަތަކެއް ހުންނަ އިރު، އޭގެ ތެރޭގައި ދީން ހިމާޔަތްކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރައްވަނީ އިސްލާމީ
ވެރިކަމެއް ނޫން ކަމަށާއި، އެއީ ވަރަށް "ސެކިއުލަރ" ނުވަތަ ދީނާ ދުރު ވެރިކަމެއްގެ
ގޮތުގައި ޑރ. އަހުމަދު އަބްދުﷲ ދީދީ ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން ރަސްމާލެ މަޝްރޫއުގެ ސަބަބުން ކުރިމަތިވެދާނެ
ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، މި މަޝްރޫއު މިގޮތަށް ކުރިއަށްދާނަމަ
ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތް ކަމަށެވެ.
އަދި މި މަޝްރޫއުގެ އެއްބަސްވުން ގާނޫނުއަސާސީއާ ހިލާފުވާ އެތައް ކަމެއް ހުރި ނަމަވެސް،
ބަންޑާރަނައިބު އެއީ ރަނގަޅު އެއްބަސްވުމެއް ކަމަށް ވިދާޅުވަނީ ސަރުކާރުން ބޭނުންވާ
ގޮތަށް ގާނޫނުތައް ފައްސަވަން ހުންނަވާ ބޭފުޅަކަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މި އެއްބަސްވުމަކީ
މުތުލަޤު ސިފައެއްގައި ބާތިލު އެއްބަސްވުމެއް ކަމަށާއި، މީގެ ސަބަބުން ގައުމަށް ލިބޭނެ
ގެއްލުންތަކަކީ އިޔާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ. އެހެންކަމުން
ހުރިހާ ދިވެހި ރައްޔިތުން ނުކުމެ މި އެއްބަސްވުމާ ދެކޮޅަށް އަޑުއުފުލައި، މިކަމަށް
"ނޫނެކޭ" ބުނަންޖެހޭ ކަމަށް ވިދާޅުވެ އޭނާ ވަނީ އެކަމަށް ރައްޔިތުންނަށް
ގޮވާލައްވާފަ އެވެ.

މި ސަރުކާރުން ބުނާ ގޮތުގައި އީގަލް ހިލްސް
އާއެކު ކޮންޓްރެކްޓް ނެގޯޝިއޭޓްކޮށް، ފައިނަލް ކުރުމަށް ބޭނުންވާ ފްރޭމްވަރކް
ހިމެނޭ ކޮމަރޝަލް ޓަރމްސް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ
ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން،
އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު،
(ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓެޑް ޕްރޮޕޯޒަލް އުސޫލު، ޕީއެސްއައިޕީ އުސޫލު) ގެ
ދަށުން ކަމަށެވެ. 

ނަމަވެސް މި މަޝްރޫއާ ގުޅޭގޮތުން ޝައުޤުވެރިކަން
ފާޅުކޮށް ފުރަތަމަ އިސްނެގީ ރާއްޖެއިންކަމަށް އަލައްބާރު ވަނީ ވިދާޅުވެފަ އެވެ.
މިފަދަ އެތައް ފުށުއެރުންތަކެއް މި މަޝްރޫއާ ގުޅޭގޮތުން ހުރިކަން ފާހަގަކުރެވެ
އެވެ.