ޤައުމުގެ
އިޤްތިސާދީ ޙާލަތަށް ބެލުމެއް ނެތި، ދައުލަތުގެ ރިކަރަންޓް ޚަރަދު އިތުރަށް ބޮޑުވާނެ
ގޮތަށް ސިޔާސީ އިސްވެރިންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުމަކީ ބަލައިގަނެވޭނެ
ކަމެއް ނޫން ކަމަށް ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިހެން
ވިދާޅުވީ ދައުލަތުގެ މާލިއްޔަތު ކޮމެޓީން ސިޔާސީ މަގާމުތަކުގެ މުސާރަ ބޮޑުކުރުމަށް
ނިންމި ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ކުރީގެ ނައިބްރައީސް
ފައިސަލް ނަސީމް ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ މިފަދަ ނާޒުކު
ދަނޑިވަޅެއްގައި، އިތުރު ހޭދަތަކެއް ކުރުމަށް ނިންމުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންވީ ޤައުމުގެ ދަރަނިން އަރައިގަތުމަށާއި، ރައްޔިތުންގެ
އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޚާއްސަ ގޮތެއްގައި
ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ދޭންޖެހޭ އެހީތެރިކަން މެދުކެނޑުމެއް
ނެތި ފޯރުކޮށްދިނުމަށާއި، އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ފޯރުކޮށްދޭ އިޖުތިމާއީ
ރައްކާތެރިކަން ހަމަހަމަކަމާއެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުން އިސްކަންދޭންޖެހޭ
ކަންކަން ކަމުގައި ފައިސަލް ވިދާޅުވި އެވެ.
މީގެ އިތުރުން
މުދާ ގަތުމުގައި ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް
ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
ފައިސަލްގެ
ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުގައި
ވަޒީފާ އަދާކުރަމުންދާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދަނޑިވަޅެއްގައި،
ސިޔާސީ އިސްވެރިންނަށް ލިބޭ ފައިސާ ގިނަކޮށް ސިޔާސީ މަގާމުތައް އިތުރުކުރުމަކީ މިވަގުތު
އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
މިއީ ރައްޔިތުންގެ
އިޙްސާސްތަކާ ގުޅިފައިވާ ޙައްސާސް މައްސަލައެއް ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މާލިއްޔަތު
ކޮމެޓީގެ މި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅިފައިވީ ނަމަވެސް، ރައްޔިތުންނަށް
ކުރިމަތިވެފައިވާ މައްސަލަތަކަށް އެދެވޭ ހައްލެއް ނުލިބި އޮތުމުން، ރައްޔިތުންގެ އިޙްސާސްތަކަށް
އިޙްތިރާމްކޮށް މި ބަދަލުތައް ފާސްނުކުރުމަށް ފައިސަލް ވަނީ މަޖިލީހުގެ މެންބަރުންނަށް
ގޮވާލައްވާފައެވެ.
މި ދަނޑިވަޅުގައި ބައެއް މަގާމުތަކުގެ
މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމެޓީން ނިންމި ނިންމުމާ ގުޅިގެން އާންމު ރައްޔިތުންނާއި
ސިޔާސީ އެކި ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ މުސާރަވެސް ބޮޑުކުރަން ނިންމާފައިވާއިރު، މި ބަދަލުތަކުގެ
ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް އިޤްތިސާދީ މާހިރުން
ވެސް ދަނީ ބުނަމުންނެވެ.