ރަސްމާލޭގެ މައްސަލައިގައި ރެޖިސްޓްރާ ނިންމަވާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފި އެވެ. 

މިކަން ހާމަކޮށްފައިވަނީ މި މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އަލީ ހުސައިން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން އޭނާ ވަނީ ރަސްމާލެ ތަރައްޤީކުރުމަށް އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ "ކޮމާޝަލް ޓާމްސް އެގްރީމަންޓް" ގެ ސައްޙަކަމާ މެދު ސުވާލު އުފައްދައި، އާންމު މަސްލަޙަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅި މައްސަލައިގައި ރެޖިސްޓްރާ ނިންމަވާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވާ ކަމަށް ވިދާޅުވެފައި އެވެ. 

ރަސްމާލޭ މަޝްރޫއުއާ ގުޅޭ ގޮތުން ހުށަހެޅި މި މައްސަލަ ސުޕްރީމް ކޯޓުން ވަނީ އޮކްޓޫބަރު 13 ވަނަ ދުވަހު ބޭރުކޮށްލާފައި އެވެ. 

މިކަމާއި ގުޅިގެން އަލީ ހުސައިން ވަނީ ރަސްމާލެ އެއްބަސްވުމުގެ މައްސަލައަކީ މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަ ކަމަށާއި، އެ މައްސަލަ ބަލައިނުގަތުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެން ނުވާ ކަމަށް ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި އެވެ. 

އަލީ ހުސައިން ވިދާޅުވީ ރަސްމާލެ އެއްބަސް ވުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ކަނޑައަޅަން ޖެހޭނީ ބެންޗުން އަޑުއެހުންތަކެއް ބޭއްވުމަށް ފަހު ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ފާހަގަކޮށްފައިވަނީ، ދައުލަތުގެ މުދަލެއް ބޭރުގެ ފަރާތަކަށް 99 އަހަރުގެ މުއްދަތަށް އެއްފަހަރާ ކުއްޔަށް ދިނުމަށް ދައުލަތަށް ބާރުލިބޭ އެއްވެސް ޤާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ޤާނޫނީ ބާރެއް ނެތި، ބޭރުގެ ފަރާތްތަކަށް މިފަދަ ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމަށް އެކުލަވާލާ ކޮންމެ އެއްބަސްވުމަކީ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ސީދާ ޚިލާފު ކަމެއް ކަމަށްވެސް މި މައްސަލައިގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އެ ބިމުގެ މައްޗަށް ތިންވަނަ ފަރާތްތަކުގެ ޙައްޤުތައް ދާއިމީކޮށް އުފެއްދުމުގެ ބާރު އީގަލް ހިލްސްއަށް ދިނުމަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާތަކުގެ ޤާނޫނީ ސައްޙަކަމާ މެދުވެސް މި މައްސަލައިގައި ސުވާލު އުފައްދާފައިވެ އެވެ. ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގައި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމުގެ މިލްކުވެރިކަން ނުވަތަ ކުލީގެ ޙައްޤު ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން، ވަކި މުއްދަތެއް ނެތް ގޮތަށް (ދާއިމަށް) ރާއްޖޭގެ ބިމުގެ މައްޗަށް ބޭރުގެ ފަރާތްތަކަށް މިލްކުވެރިކަމުގެ މަސްލަޙަތުތައް ލިބިގެންދާނެ މަގެއް ފަހިވެގެންދާ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، މި އެއްބަސްވުމަކީ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާއާއި 251 ވަނަ މާއްދާއާ ސީދާ ޚިލާފު އެއްބަސްވުމެއް ކަމަށްވާތީ، މިއީ ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ވަނީ އެދިފައި އެވެ. ނަމަވެސް ކޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލާފައި އެވެ.