ރާއްޖޭގެ ހުޅަނގުން އެފެދެމުންދާ ބޯ ވިއްސާރަ ވިލާތަށް އަތޮޅު ތަކުގެ މައްޗަށް އަރާތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.
ބުދަ ދުވަހު މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް ދަނީ އަތޮޅުތަކުގެ މައްޗަށް އަރަމުން ކަމަށެވެ.
އެހެންކަމުން، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މުސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މީގެ އިތުރުން، ހުރިހާ ފަރާތްތަކާއި ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރައްވާފައިވެ އެވެ.