މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސްގެ ޕެކޭޖަށް 17،000 ރުފިޔާ ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ކޮމެޓީގައި ވަނީ، މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސަށް އިތުރު ކުރުމަށް ނިންމާފަ އެވެ. އެ އެލަވަންސް އިތުރު ކުރުމުން މަޖިލީހުގެ ރައީސްގެ ޖުމްލަ 95،125 ރުފިޔާ ލިބޭނެ އެވެ.

މިހާރު މަޖިލިސް ރައީސަށް ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާ އެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރުންނަށް 82،500 ލިބިވަޑައިގަންނަވާކަން ކޮމެޓީގައި މެންބަރުން ފާހަގަކުރެއްވި އެވެ. 

މަޖިލީހުގެ ރައީސްއަށް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަނެވޭތީ ބޮޑު ފަރަގެއް އަންނަކަން ފާހަގަކޮށްފައިވާއިރު، މެންބަރުން ކޮމިޓީތަކުގައި ބައިވެރިވާ އިންސަތައަށް ބަލައި އެލަވަންސް ލިބޭ ކަމަށް މެންބަރުން ވިދާޅުވި އެވެ. އެއީ 50 އާއި 75 އިންސައްތައިގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމުން 10،000 ރުފިޔާއާއި 75 އިންސައްތައަށްވުރެ މަތިވުމުން 20،000 ރުފިޔާ އެވެ.

އެހެންކަމުން މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސަށް އިތުރު ކުރުމަށް މާލިއްޔަތު ކޮމެޓީން ފާސްކުރި އެވެ. 

މީގެ އިތުރުން ކައުންސިލަރުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި 5000 ރުފިޔާގެ އެލަވަންސް އެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. 

މިހާރު ރަށު ކައުންސިލްގެ މުސާރައަށް ބަލާއިރު، ރަށު ކައުންސިލްގެ ރައީސުންނަށް ލިބެނީ، 25500 ރުފިޔާ އެވެ. ނައިބު ރައީސުންނަށް ލިބެނީ 20000 ރުފިޔާ އެވެ. އަދި ކައުންސިލް މެންބަރުންނަށް ލިބެނީ 18000 ރުފިޔާ އެވެ.

ނަމަވެސް މި އެލަވަންސް ދޭން ފެށުމާއެކު، ރަށު ކައުންސިލްތަކުގެ ރައީސުންނަށް 30،500 ރުފިޔާ، ނައިބު ރައީސުންނަށް 25،000 ރުފިޔާ އަދި ކައުންސިލް މެންބަރުންނަށް 23،000 ރުފިޔާ ލިބޭނެ އެވެ. 

މިފަހުން މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވާއިރު، ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކަށް މުސާރަތައް ބޮޑުކުރިކަން ކޮމެޓީގައި ފާހަގަކޮށްފައިވެ އެވެ. 

އެގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް 58،500 ރުފިޔާ ލިބޭއިރު، ބޮޑު ކުރި މުސާރައާއެކު މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލު މަގާމުތަކަށް މުސާރަ 74،000 ރުފިޔާ ލިބޭ ކަމާއި، މިނިވަން މުއައްސަސާތަކުގެ ރައީސުންނަށް 59،000 ރުފިޔާ ލިބޭ ކަމަށް ކޮމެޓީން ފާހަގަކޮށްފައިވެ އެވެ. އަދި ޖުޑިޝަރީއަށް ބަލާއިރު އުއްތަމަ ފަނޑިޔާރުގެ މުސާރައަކީ 91،000 ކަމަށްވާއިރު، ފަނޑިޔާރުންނަށް 89،000 ރުފިޔާ ލިބޭކަން ކޮމިޓީން ބުނެފައިވެ އެވެ. 

މީގެ އިތުރުން ސަރުކާރުގެ އިސްވެރިންނަށް ދޭ ޕެޓްރޯލް އެލަވަންސާއި، ޑްރައިވިން އެލަވަންސް ވެސް ބޮޑު ކުރުމަށް މާލިއްޔަތު ކޮމެޓީން ވަނީ ނިންމާފަ އެވެ. 

މިހާރު ޕެޓްރޯލް އެލަވަންސަށް 1،000 ރުފިޔާއާއި ޑްރައިވިން އެލަވަންސަށް 6،500  ރުފިޔާ ދޭއިރު، ކޮމެޓީން ފާސްކޮށްފައިވަނީ ޕެޓްރޯލް އެލަވަންސް 2،000 ރުފިޔާއަށް، ޑްރައިވިން މުސާރައަށް 12،000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3،000 ރުފިޔާ ދިނުމަށެވެ.

ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީން މުސާރައަށް ބޮޑު ބަދަލެއް ގެނައުމަށް ފާސްކޮށްފައިވާއިރު، މިކަމަށް ހަމައެކަނި ދެކޮޅު ހެއްދެވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ. 

މެންބަރު ޣަފޫރު ވިދާޅުވީ، މިދުވަސްވަރަކީ މުސާރައަށް މިފަދަ ބޮޑު ބަދަލެއް ގެންނަން އެންމެ ރަނގަޅު ދުވަސްވަރު ނޫން ކަމަށާއި، ދުނިޔޭގެ މަސްރަހު މިވަގުތު އޮތްގޮތުން ސަރުކާރަށް އަނެއްކާވެސް ބުރަ ބޮޑުވާނެ ކަމަށެވެ. ނަމަވެސް މިހާރު މިއޮތް ހާލަތު ބަދަލުވެގެން އެފަދަ ބަދަލެއް ގެނެވިދާނެ ކަމަށް މެންބަރު ވިދާޅުވި އެވެ.  އަދި މިކަމަށް ތާއީދު ނުކުރައްވާ ކަމަށް މެންބަރު ހާމަ ކުރެއްވި އެވެ. 

މަޖިލީހުގެ ރައީސް އާއި ވަޒީރުން، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، އަދިވެސް ސަރުކާރުގެ އިސްބޭފުޅުންގެ މުސާރައަށް ބޮޑު ބަދަލެއް ގެންނަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސް ކޮށްފައިވާއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށް ކަމަށް ބުނެ، ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ދަނީ ވަކި ކުރަމުންނެވެ. އަދި ބައެއް ކުންފުނިތައް އުވާލަން ވެސް ވަނީ ނިންމާފަ އެވެ.