ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ހުޅުވީ ނަމެއްގައި ކަމަށާއި ދުނިޔޭގެ އެއްވެސް ބުކިންގ ޕްލެޓްފޯމްއަކުން ބުކިންގ ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ދިވެހިރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އަތޮޅު ވިލިގިލީގައި ހުންނަ 5 ތަރީގެ އެންމެ މަތީ ފަންތީގެ ލަގްޒަރީ ރިސޯޓެކެވެ. ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރުމަށްފަހު، 5 އަހަރަށްވުރެ ގިނަ ދުވަސްވީ ބަންދަކަށްފަހު މި ރިސޯޓު ވަނީ 30 ޑިސެމްބަރު 2025 ގައި އަލުން ހުޅުވާފައި އެވެ. 

އެގޮތުން، ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު 2025 ވަނަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ވަޑައިގެން 31 ގައި ޝަންގްރިއްލާ ހުޅުވާނެ ކަމަށް ވައުދުވެވަޑައިގެން ކަމަށެވެ. އަދި ޝަންގްރިއްލާ ހުޅުވާފައިވަނީ ގާނޫނު ބަދަލުކޮށްގެން އެ ކުންފުންޏަށް ބިރު ދައްކައިގެން ކަމަށް މެންބަރު ދީދީ ތުހުމަތު ކުރެއްވި އެވެ. 

ޝަންގްރިއްލާ ހުޅުވި ނަމަވެސް އެތަނުން ހިދުމަތް ނުދޭ ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ. 

އެއީ ގާނޫނަށް ބަދަލުތަކެއް ގެނެސްގެން އިންވެސްޓަރަށް ނޫނީ މެނޭޖްމަންޓް ކުންފުންޏަށް ބިރު ދައްކައިގެން ނުހުޅުވާފިއްޔާ ބޭރުކޮށްލާނެ ކަމުގެ އިންޒާރު ދީ އެގޮތަށް މަސައްކަތް ކޮށްގެން އެބޭފުޅުން ހުޅުވައިފި. ހުޅުވީ ހަމައެކަނި ނަމެއްގައި ބޯޑުގައި އޯޕަން ޖަހާލީ. ދުނިޔޭގެ އެއްވެސް ބުކިން ޕްލެޓްފޯމްއަކުން ބުކިން ނުކުރެވޭ، މިއީ އެވެއިލަބްލްއެއް ނޫން އެއްވެސް ތަނެއްގައި އެއްވެސް މުވައްޒަފެއް ނެތް ދެން ކިހިނެއްތޯ އޯޕަން ކުރި ކަމަށް ވާނީ
މެންބަރު ދީދީ 

މީގެ ކުރިން ހުޅުވާފައިވަނިކޮށް މިއަހަރު ޑިސެންބަރު 31 ގައި ވެސް ހުޅުވާނެ ކަމަށް ސަރުކާރުން ބުނާ ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ. އަދި މީގެ ކުރިން ހުޅުވާ، ޓޫރިޒަމް މިނިސްޓްރީން ނޫސްބަޔާން ނެރިހަދާފައިވާ ތަނެއް އަލުން ހުޅުވާ ވާހަކަ ދެއްކުމުން ފެނިގެން ދަނީ ދައްކާ ވާހަކައާ އަމަލާއި ދިމާ ނުވާ މަންޒަރު ކަމަށް ވިދާޅުވެ މެންބަރު ދީދީ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ. 

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަނީ، އެ ރިސޯޓު އަލުން ހުޅުވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، އެކަން ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ.

ނަމަވެސް މިހާތަނަށް ވެސް އެ ރިސޯޓުން އެއްވެސް ފައިދާއެއް އައްޑޫސިޓީ ރައްޔިތުންނަށް ލިބިފައި ނުވާތީ އެ ސިޓީގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.