ރައީސް ޑރ މުޙައްމަދު މުއިއްޒު އާއި އެކު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު ދެއްވައިފި އެވެ.
ދެ ގައުމުގެ
ދެމެދުގައި އެކި ދާއިރާތަކުން 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު ބޭއްވި ގުޅިފައިވާ
ނޫސްވެރިންގެ ބައްދަލުވުމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ،
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި
ދެ ގައުމުގެ މަސްލަހަތާ ގުޅުންހުރި މުހިންމު ކަންކަމުގެ އިތުރުން، ސަރަހައްދީ އަދި
ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
ބޮޑުވަޒީރު
ޝެހްބާޒް އިތުރަށް ވިދާޅުވީ، އިންޑިއާއިން އިސްތިއުމާރުކޮށްފައިވާ ޖައްމޫ އަދި ކަޝްމީރުގެ
މައްސަލައިގައި ޕާކިސްތާނުން ގެންގުޅޭ އުސޫލީ ސިޔާސަތު ރައީސް މުއިއްޒަށް ތަފްސީލުކޮށްދެއްވާފައިވާ
ކަމަށެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ
މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް އިސްލާމްއާބާދުން މަސައްކަތް
ކުރާނެކަމަށް ވިދާޅުވި އެވެ.
ޝަހްބާޒް
ވިދާޅުވީ، ކަޝްމީރުގެ ރައްޔިތުން ކުރަމުންދާ ޖިހާދު ކާމިޔާބުވެ، އަމިއްލަ އިހްތިޔާރުގައި
ގޮތް ނިންމުމުގެ ހައްގު ލިބެންދެން، ޕާކިސްތާނުން ޚާރިޖީ ގޮތުން އެ ފަރާތްތަކަށް އެހީތެރިކަން
ފޯރުކޮށްދޭނެ ކަމަށާއި، އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ އެއްގޮތަށް އެއީ
މިނިވަން މުސްތަގިއްލު ގައުމަކަށް ވަންދެން ބައިނަލްއަގުވާމީ ހުރިހާ މައިދާންތަކެއްގައި
ޕާކިސްތާނުން ވަކާލާތު ކުރާނެ ކަމަށެވެ.
މީގެ އިތުރުން،
2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 'އިންޑަސް ވޯޓާސް ޓްރީޓީ' (އައި.ޑަބްލިއު.ޓީ)
ނުވަތަ ސިންދު ކޯރުގެ ފެނާ ގުޅޭ މުއާހަދާއަށް އަމަލުކުރުން ހުއްޓާލުމަށް އިންޑިއާއިން
ނިންމި ނިންމުމާމެދު ޕާކިސްތާނުން އިންތިހާއަށް ކަންބޮޑުވާކަން ބޮޑުވަޒީރު ހާމަކުރެއްވި
އެވެ. އަދި މިއީ ބައިނަލްއަގުވާމީ ގޮތުން ދެ ގައުމުން އަމަލުކުރަން ލާޒިމުކުރާ މުއާހަދާއަކާ
ޚިލާފު އަމަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ބޮޑުވަޒީރު
ޝެހްބާޒް ވިދާޅުވީ، މި މައްސަލައިގައި ޕާކިސްތާނުން ގެންގުޅޭ ސިޔާސަތަކީ ސާފު އަދި
އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. ގާނޫނީ ގޮތުން އަމަލުކުރުން ލާޒިމުކުރާ
މުއާހަދާތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށާއި، ދެ ގައުމުން ހިއްސާވާ ފެނުގެ ވަސީލަތްތަކަކީ
ސިޔާސީ ނުފޫޒު ފޯރުވުމަށް ނުވަތަ ބިރުދެއްކުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދައިގެން
ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ މަހު
ބޭއްވި އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ އިތުރުން ބައިނަލްއަގުވާމީ އެކި މައިދާންތަކުގައި
ވެސް ޕާކިސްތާނުން މިކަން ވަރަށް ސާފުކޮށް ހާމަކޮށްފައިވާނެ ކަމަށާއި، ފެނުގެ މައްސަލައަކީ
އެ ގައުމުން އެއްވެސް ދޫދިނުމެއް ދޭނެ ކަމެއް ނޫން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
އެހެންކަމުން، މި މުއާހަދާއާ ޚިލާފަށް
ކުރާ ކޮންމެ އަމަލަކީ ޕާކިސްތާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި
ބަލާނެކަން އެންމެހާ ފަރާތްތަކަށް އެނގެންޖެހޭނެކަމަށް ބޮޑުވަޒީރު ވިދާޅުވެފައިވެ
އެވެ.
ޕާކިސްތާނުން އިންޑިއާއަށް ފާޑުކިޔައި މިބީދައިން
ވާހަކަ ދައްކާފައިވާއިރު، ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް
ވަޑައިގެންނެވީވެސް ނުހަނު ބޮޑަށް އިންޑިއާއަށް ފާޑުވިދާޅުވެ ހިންގެވި ބޮޑު
ކެމްޕޭނަކަށްފަހުކަން ފާހަގަ ކުރެވެ އެވެ.