ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނޭހެން 20 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބުދަ ދުވަހު މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސް މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގަތީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ޕާކިސްތާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބަދަލު ކުރި އެއްބަސްވުންތަކުގެ ހިމެނެނީ: 

  1. ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ އެއްބަސްވުން

  2. ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން
  3. ތައުލީމީ ދާއިރާގެ 2 އެއްބަސްވުން 
  4. މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ އެއްބަސްވުން 
  5. މަޖިލިސްތަކުގެ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  6.  މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުން
  7. މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުން 
  8. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  9. ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  10. ސަގާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  11. ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  12. ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  13. ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  14. މެރިޓައިމް ސެކިޔުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  15. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބާ ސެކިއުރިޓީ އާއި އޭއައި އާއި ޑިޖިޓަލް ސްކިލްސް އަދި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
  16. ޓްރެފިކިން އާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުން
  17. އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުން

މި އެއްބަސްވުންތަކުގެ އިތުރުން ރާއްޖޭގެ ބައެއް މުއައްސަސާތަކާއި ޕާކިސްތާނުގެ މުއައްސަސާތަކާ ދެމެދުވެސް ވަނީ އެއްބަސްވުންތަކެއް ކޮށްފަ އެވެ.

އެގޮތުން، ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. 

މީގެ އިތުރުން ފުލުހުން ތަމްރީން ކުރުމަށް ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑަމީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އަދި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯ އާއި ޓްރޭޑިން ކޯޕަރޭޝަން ޕާކިސްތާން، ޓީސީޕީއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ދާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާއިރު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްހާޤް ދަރް، ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ވެސް ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޕާކިސްތާނުން މަސައްކަތްކުރާނޭކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ.