ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ ވޭތުވެދިޔަ 30 އަހަރުގެ ދިގު ވެރިކަމުގައި އޮތް ފަދަ ސަގާފަތަކަށް އާސަންދައިގެ ޚިދުމަތް އަނބުރާލަން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ، އާސަންދައަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހެޔޮފުޅުކަމުން ކަނޑައަޅުއްވާފައި އޮންނަ ބަޖެޓެއް ނޫން ކަމަށާއި، އެއީ ސީދާ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަނޑައެޅިފައި އޮންނަ ބަޖެޓެއް ކަމަށެވެ. އަދި އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް އެ ޚިދުމަތް އެގޮތަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނުތައް ހަދައި، ރައްޔިތުންނާ ހަމައަށް އެ ހައްގުތައް ފޯރުކޮށްދީ ކަށަވަރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެ ފުރުސަތު ހަނިކުރައްވަން އުޅުއްވި ނަމަވެސް އެކަން ކާމިޔާބު ނުވާނެކަން ފާހަގަކުރައްވައި ޑރ. ޑީޑީ ވިދާޅުވީ، މިއަދު ރައްޔިތުންނަކީ ވަރަށް ހޭލުންތެރި ބައެއް ކަމަށާއި، އާސަންދައިގެ ތެރެއިން މި ލިބޭ ޚިދުމަތަކީ ރައްޔިތުންގެ އަމިއްލަ ފައިސާއިން ދިނުން ލާޒިމުކޮށްފައި އޮތް ކަމެއް ކަމަށެވެ. އަދި އެމްޑީޕީގެ ދެ ސަރުކާރުން ވެސް އެ މަގު ގާނޫނަކުން ފަހިކޮށްދީފައިވާ ކަމެއްކަން ރައްޔިތުންނަށް ސާފުކޮށް އެނގޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ ރައީސް މުޢިއްޒު ހެޔޮފުޅުކަމުން ކަނޑައަޅުއްވާފައި އޮންނަ ބަޖެޓެއް ނޫން. އެއީ ސީދާ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަނޑައެޅިފައި އޮންނަ ބަޖެޓެއް
ޑރ. އިބްރާހީމް ދީދީ (ޑީޑީ) 

ނަމަވެސް އެ ހަގީގަތް އޮޅުވާލައްވަން ރައީސް މުއިއްޒު މަސައްކަތްކުރައްވާ ކަމަށް ޑރ.ޑީޑީ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ އާސަންދައިގެ ޚިދުމަތަކީ ރައީސްގެ ހެޔޮފުޅުކަމުން ކޮށްދެއްވާ ކަމެއްގެ ގޮތުގައި ބައްޓަންކުރުމަށް ކަމަށެވެ.

އެގޮތުން ކުރީގެ ވެރިކަމުގެ ސަގާފަތަށް އަލިއަޅުއްވާލައްވައި ޑރ. ޑީޑީ ވިދާޅުވީ، ރާއްޖޭގައި އޮތް ދިގު 30 އަހަރުގެ ވެރިކަމުގައި އޮތީ ބޭސް ސިޓީއަށް ސަލާންޖެހުމުގެ ސަގާފަތެއް ކަމަށެވެ.

އެ ދުވަސްވަރު ކިތަންމެ ބޮޑު ބައްޔަކަށް ފަރުވާ ހޯދަން ޖެހުނު ނަމަވެސް، ތީމުގެއަށް ސިޓީ ހުށަހަޅައި، ވެރިމީހާއަށް ދަންނަވައި އަދި މަތީ ފަންތީގެ ބޭފުޅުން މެދުވެރިކޮށް އާދޭސްކޮށްގެން 200 ޑޮލަރު ވަރުގެ މިންވަރެއް ހޯދަން ޖެހުނު ހާލަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއަދު އާސަންދައިގެ ޚިދުމަތް އަނބުރާލަން މަސައްކަތްކުރަނީ އެފަދަ ސަގާފަތަކާ ދިމާއަށް ކަމަށް ޑރ.ޑީޑީ ވިދާޅުވި އެވެ.