އިދާރީ ހިދުމަތްތަކަށް ކުރި ޚަރަދު 6.0 އިންސައްތަ އިތުރުވެ 2.04 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެ މިނިސްޓްރީ އިން އާންމު ކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ބުނީ ޚަރަދުތަކަށް ބަލާއިރު، އިދާރީ ހިދުމަތްތަކަށް ކުރި ޚަރަދު 6.0 އިންސައްތަ އިތުރުވެ 2.04 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. ރިކަރަންޓް ޚަރަދުގެ ޖުމްލަ 31.35 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17.2 އިންސައްތައިގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުން އެނގެ އެވެ.

ހިނގަމުންދާ އެހެނިހެން ޚަރަދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ އެހީ އާއި ސަބްސިޑީއަށް ކުރި ޚަރަދު 39.1 އިންސައްތަ އިތުރުވެ 10.45 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މީގެ ތެރެއިން ސަބްސިޑީ އަށް ކުރި ޚަރަދު 73.3 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ޚަރަދު 16.9 އިންސައްތަ އިތުރުވެ 1.92 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު 14.1 އިންސައްތަ އިތުރުވެ 5.56 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ނަމަވެސް، އިންޓަރެސްޓަށް ކުރި ޚަރަދު ވަނީ 6.6 އިންސައްތަ ދަށަށް ގޮސްފަ އެވެ. ބިމާއި އިމާރާތްތަކަށް ކުރި ކެޕިޓަލް ޚަރަދު 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 38.9 އިންސައްތަ އިތުރުވެ 1.57 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. ޖުމްލަ ކެޕިޓަލް ޚަރަދު 15.2 އިންސައްތަ އިތުރުވެ 5.04 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

އެހެނިހެން
އުމްރާނީ ވަސީލަތްތަކަށް ކުރި ޚަރަދު 27.6 އިންސައްތަ އިތުރުވެ 0.96 ބިލިއަން
ރުފިޔާއަށް އަރާފައިވާއިރު، ބަނދަރުތައް ތަރައްގީކުރުމަށް ކުރި ޚަރަދު ވަނީ 25.5
އިންސައްތަ އިތުރުވެފަ އެވެ. އަދި ކެޕިޓަލް އިކުއިޕްމަންޓް ހޯދުމަށް ކުރި ޚަރަދު
ވަނީ 22.0 އިންސައްތަ އިތުރުވެފަ އެވެ.

15 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ
36.39 ބިލިއަން ރުފިޔާގަ އެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު
16.9 އިންސައްތަ އިތުރުވުމެކެވެ. މިއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް
ވަނީ 4.50 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

15 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޓެކްސް
އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.0 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް ތަފާސްހިސާބުގައި ވެ އެވެ. މި ކުރިއެރުމަކީ މައިގަނޑު ގޮތެއްގައި
އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީޖީއެސްޓީ)، ރާއްޖޭގައި
ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް އަދި އާމްދަނީގެ
އެހެނިހެން މުހިންމު ދާއިރާތަކުން ލިބުނު މިންވަރު އިތުރުވުމުގެ ސަބަބުން ލިބުނު
ކުރިއެރުމެކެވެ.

މި
އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 24.63 ބިލިއަން ރުފިޔާ
ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 23.03 ބިލިއަން
ރުފިޔާ އެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ
2.6 އިންސައްތަ އިތުރުވެ، 31.89 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ޓީޖީއެސްޓީގެ
ގޮތުގައި ލިބުނު އާމްދަނީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 8.2
އިންސައްތައިން އިތުރުވެ، 4.43 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިދިޔަ އަހަރުގެ
މި މުއްދަތުގައި މި ދާއިރާއިން ލިބިފައިވަނީ 4.09 ބިލިއަން ރުފިޔާ އެވެ. 

ރާއްޖޭގައި
ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ލިބުނު
އާމްދަނީ 10.4 އިންސައްތަ އިތުރުވެ، 1.09 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
މީގެ އިތުރުން، އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީ އަށްވެސް ވަނީ ހެޔޮ
ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ
15.2 އިންސައްތަ އިތުރުވެ 2.79 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް
އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 3.01
ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

ވިޔަފާރި އާއި މުދަލުން ނަގާ އެހެނިހެން
ޓެކްސްތަކުން ލިބުނު އާމްދަނީ 87.8 އިންސައްތަ އިތުރުވެ 1.39 ބިލިއަން ރުފިޔާއަށް
ވަނީ އަރާފަ އެވެ. އެއާޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބުނު
އާމްދަނީ 8.8 އިންސައްތަ އިތުރުވެ 1.55 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
މުދަލުން ލިބުނު އާމްދަނީ 12.1 އިންސައްތަ އިތުރުވެ 1.97 ބިލިއަން ރުފިޔާއަށް
އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 68.1 އިންސައްތަ
އިތުރުވެ 0.52 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.