މާލޭ ސިޓީ
ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ 14 ބިމެއް، އެ ކައުންސިލްގެ ބާރުގެ ދަށުން
ވަކިކޮށް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް
އެންޑް އަރބަން ޑިވެލޮޕްމަންޓުން ނިންމާފައިވާ ނިންމުމަކީ ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅޭ
ކަމެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު
މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މެންބަރު
މީކާއީލް ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވަނީ، ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް
ހިންގުމަށްޓަކައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ވަކިކުރުމުގެ ބާރު ވަޒީރުންގެ
މަޖިލީހަށް ލިބިގެންވީ ނަމަވެސް، އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން އަމަލުކުރަންޖެހޭ
ގާނޫނީ އިޖުރާއަތްތަކެއް ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން
ބިމެއް ވަކިކުރުމުގެ ކުރިން އެ މަޝްރޫއަކާ ގުޅޭ މައުލޫމާތު ކައުންސިލާ ހިއްސާކޮށް،
ކައުންސިލްގެ ޚިޔާލާއި މަޝްވަރާ ހޯދަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން،
ކައުންސިލްގެ އިހުތިސާސުން ވަކިކުރާ ބިމެއްގައި ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުގެ
ތަފްސީލުތައް އާންމުކުރަންޖެހޭނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެ އެވެ. ނަމަވެސް،
ހައުސިންގ މިނިސްޓްރީން މި 14 ބިން އަތުލުމަށް ނިންމީ، އެ ބިންތަކުގައި ހިންގާނެ މަޝްރޫޢުތަކުގެ
ނަން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ހާމަކުރުމެއް ނެތި އަދި ސިޓީ ކައުންސިލާ
އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް މި ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ސަރުކާރުން
އަތުލުމަށް ނިންމާފައިވާ މި ބިންތަކަކީ މާލޭ ސިޓީ ކައުންސިލަށް މިހާރުވެސް އާމްދަނީ
ލިބެމުންދާ ބިންތަކެކެވެ. މި ބިންތަކުން ލިބޭ ފައިސާއަކީ މާލޭގެ މިސްކިތްތައް ބެލެހެއްޓުމަށާއި،
ކައުންސިލްގެ އިދާރީ ހިންގުމުގެ ޚަރަދުތަކަށް ބޭނުންކުރާ ފައިސާ ކަމަށްވުމުން، މި ބިންތައް
އަތުލުމަކީ ކައުންސިލަށް ލިބޭ މާލީ މަންފާތައް ގެއްލި، ކައުންސިލް ހިންގުމަށް ބޮޑެތި
ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް މީކާއީލްގެ ގަރާރުގައި ބަޔާންކޮށްފައިވެ
އެވެ.

މާލޭގެ ތޮއްޖެހުން
ކުޑަކުރުމަށްޓަކައި ޕާކިންގ އިމާރާތްތަކާއި، ހިތްފަސޭހަ މައިޒާންތައް ތަރައްޤީކުރުމަށް
ކައުންސިލުން މުހިންމު ޕްލޭންތަކެއް އެކުލަވާލަމުންދާ ދަނޑިވަޅެއްގައި، ސަރުކާރުން
މިފަދަ ނިންމުމެއް ނިންމުމަކީ މާލޭގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައި
ވަނީ ސިފަކޮށްފަ އެވެ.

މި ނިންމުމުގެ
ސަބަބުން ކައުންސިލްތަކުގެ ގާނޫނީ ބާރުތައް ހަނިވެ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުސޫލުން ހިންގުމުގެ ނިޒާމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށްވެސް އެ ގަރާރުގައި
ބުނެފައިވެ އެވެ.