މި ސަރުކާރުން މި ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި
74 މިލިއަން ރުފިޔާ ސިޓީ ކައުންސިލުގެ ބަޖެޓުން ކަނޑައިފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު
އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު މާލެ ސިޓީ ކައުންސިލުން ބޭއްވި ރަސްމީ ޖަލްސާގައި
ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ކައުންސިލަށް ދީފައިވާ ބަޖެޓް ސަރުކާރުން
ކަނޑަމުންދާ ދާކަމަށާއި މި ދަތިތައް ޖައްސަމުންދާ ދިޔުމަކީ ސީދާ ރައްޔިތުންނަށް ކުރި
ޖެއްސުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލަކީ
ރައްޔިތުންނަށް ބޮޑެތި ހިދުމަތްތަކެއް ދޭ ކައުންސިލަކަށްވާއިރު މިފަދަ ދަތިތަކެއް ސަރުކާރުން
ކުރިމަތި ކުރުވަމުންދާ ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް އާޒިމް ވިދާޅުވި
އެވެ. އަދި ވިދާޅުވީ، ބަޖެޓް ހުންނަ ވަރަކުން ކައުންސިލުން މަސައްކަތްތައް ހުއްޓުމެއްނެތި
ކުރަމުންގެންދާނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ، ކައުންސިލަށް މުވައްޒަފުން ނެގުމުގެ
ދަތިކަންވެސް އެބައޮތް ކަމަށާއި، ކައުންސިލުގެ އެކި މަސައްކަތްތައް ކުރަންވެސް ދަތިވެފައިވާ
ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވީ ސިޓީ ކައުންސިލަށް އާމްދަނީ
ލިބޭ ބިންތައްވެސް ސަރުކާރުން ނަގަމުންދަނީ ކައުންސިލުގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި
ކަމަށެވެ. އެހެންކަމުން ކައުންސިލަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ޖެހޭނެ ކަމަށާއި
މި ކަންކަމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މި ސަރުކާރަކީ ޗަރުކޭސް ކުޅޭ ސަރުކާރެއް
ކަމަށާއި އެކަން މިއަދު ރައްޔިތުންނަށްވެސް ފެންނަމުންދާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި
އެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމާފައިވާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.
އެކަމާ ގުޅިގެން ކައުންސިލުން ފާސްކުރި ގަރާރުގައި ފާހަގަކޮށްފައިވަނީ، އެ ބިންތައް އަތުލުމަށް މިނިސްޓްރީން އެންގީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއަކަށް ހަވާލާދީ ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކައުންސިލަށް ދީފައިވީ ނަމަވެސް، ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ހިއްސާކޮށްފައި ނުވާ ކަމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.