ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކީ
ދިވެހިރާއްޖޭގައި ދިވެހިންގެ އަދުއްވެއް ކަމަށާއި، އެއީ ދިވެހިރާއްޖެ އަށް ތަރައްގީއާއި
ތަމައްދުނު އެދެން ބޭނުން ނުވާ މީހުން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު
މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ
ހުރިހާ ތަފުސީލުތަކެއް ހާމަކުރުމަށް ގޮވައިލައްވައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ
މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން މެންބަރު
މުޞްޠަފާ މިހެން ވިދާޅުވީ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މެންބަރު ވިދާޅުވީ، މި ސަރުކާރުން 99 އަހަރަށް ދޫކޮށްލަނީ
500 ހެކްޓަރުގެ ބިމެއް ކަމަށާއި އެއާއެކު ރާއްޖެއަށް ގެންނަން މަސައްކަތްކުރަނީ 20
ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އަހަރަކު 1.3
ބިލިއަން ޑޮލަރުގެ އާމްދަނީ ރާއްޖެއަށް ވަންނާނެ ކަމަށް މެންބަރު ވިދާޅުވި އެވެ.

މެންބަރު މުސްތަފާ ވިދާޅުވީ ސަރުކާރުން މި މަޝްރޫއު
ކުރިއަށް ގެންދަނީ ނުހަނު ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ
އިންވެސްޓަރު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް އެ މައުލޫމާތުތައް ދެއްވައިފައިވާ ކަމަށާއި
ސިޔާސީ ޕާޓީތަކަށް ދައުވަތުދީގެން ޕާޓީތަކާ ބައްދަލު ކުރައްވައިފައިވާ ކަމަށް މެންބަރު
ވިދާޅުވި އެވެ. އަދި މި ސަރުކާރުން ކަނޑަނޭޅި އެ ދަނީ މި މައުލޫމާތު ހާމަ ކުރަމުން
ކަމަށްވެސް މެންބަރު ވިދާޅުވި އެވެ.

މެމްބަރު ވަނީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކާ
ކޮންމެ މީހަކީ ދިވެހިރާއްޖޭގައި ދިވެހިންގެ އަދުއްވެއް ކަމަށާއި، އެއީ ދިވެހިރާއްޖެ އަށް
ތަރައްގީއާއި ތަމައްދުނު އެދެން ބޭނުން ނުވާ މީހުންކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މި މަޝްރޫއު ކުރިއަށްދަނީ ހާމަކަންބޮޑުކޮށް
ކަމަށް މެންބަރު ވިދާޅުވިއިރު، އެންމެ ކުޑަމިނުން މި މަޝްރޫއުގެ އެއްބަސްވުންވެސް ސަރުކާރުން
ހާމަ ކޮށްފައެއް ނުވެ އެވެ.

މި މަޝްރޫއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް
ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ. އަދި މަޝްރޫއުގެ އެއްބަސްވުމުގެ ތަފުސީލު
ހާމަކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލައްވާފަ އެވެ.