ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅު ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ އެ އެގްރީމަންޓު ބެލުމަށް ކަމަށާ އެހެން ނަމަވެސް އެ އެގްރީމަންޓް އޮތް ތަނެއް، ފެންނަ މީހަކު ވެސް މި ގައުމުގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކޮށްފަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އެ ގަރާރަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ މިއީ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލަ އެއް ކަން މިއަދު އެނގޭ ކަމަށެވެ. 

މީގަ ވަރަށް ގިނަ ކަންތައްތަކެއް ފޮރުވިފައި ވޭ. ވެރިކަމަށް އަންނަނީ ރައްޔިތުންނާއެކު ކޮންޓްރެކްޓެއް ގާއިމް ކުރެވިގެން. ކޮންޓްރެކްޓަކީ ވެރިކަމަށް އަންނަ އިރު ވާ ވައުދުތައް. މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި މިހާރުގެ ރައީސް ރަސްމާލެ ޕްރޮޖެކްޓުގެ ވާހަކަ ނުވަތަ މި ފުށިދިއްގަރު ފަޅު ހިއްކާ ވާހަކަ ތަފްސީލު ކޮށްދިން. އޭގައި ބުނެފައިވާ ވާހަކަ އަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ވާހަކަ. އަދި މި ސަރުކާރުގެ މި ދައުރު ނިމޭއިރު މި ރާއްޖޭގައި ބޯހިޔާވަހިކަމަށް ޖެހިފައިވާ އެއްވެސް މީހަކު ނުހުންނާނެ ކަމަށް. އަދި ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލިއުޝަނެއް މިތަނުން ލިބޭނެ ކަމަށް
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ މި ސަރުކާރަށް 100 އެތައް ބިލިއަނެއްގެ އާމްދަނީ ލިބިފައިވާ ކަމަށެވެ. ސަރުކާރުން އަޑަށް ބާރުލާފައި ދަރަނި  ދައްކައިފީމޭ ބުނާއިރު، ބާކީ ހުރި ފައިސާތައް އެޅި ރަސްމާލެ އަށް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. އެހުރިހާ ފައިސާ އެއް އެތަނަށް އަޅާލުމަށްފަހު މިއަދު އެ ތަން ޒަޔަނިސްޓުންނަށް ވާގިވެރިވާ އީގަލް ހިލްސް އަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ސިއްރިއްޔާތުގައި ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. 

ރައްޔިތުން އެ މަޝްރޫއާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރުމުން ރައީސް މުއިއްޒު އެ އެގްރީމަންޓް ބެލުމަށް ވިދާޅުވާ ކަމަށާ އެހެން ނަމަވެސް އެ އެގްރީމަންޓް އޮތް ތަނެއް އެނގޭ މީހަކު ވެސް ފެނުނު މީހެއް ވެސް ނެތް ކަމަށް މައުރޫފް ވިދާޅުވި އެވެ. މެންބަރު ވިދާޅުވީ ދިވެހިރައްޔިތުންގެ ތެރޭގައި ރައީސް މުއިއްޒު ދައްކަވާ ވާހަކަ އަށް އިތުބާރު ކުރާ ހަމަ އެކަކުވެސް މިއަދު ނެތް ކަމަށެވެ. ސަބަބަކީ ރައީސް މުއިއްޒު އާއި މި ސަރުކާރު ދޮގުހެދުމުގައި ހައްދުފަހަނަ އަޅައި ގޮސްފައި ވުން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. 

މީކާއިލް ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ، ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި މަޝްރޫއެއް ހިންގުމަށް ދިވެހިރާއްޖޭގެ ސަރުކާރާއި، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު އެކުލަވާލާފައިވާ ކޮމާޝަލް ޓާމްސް އެގްރީމަންޓްގެ ތަފްސީލުތައް މިހާތަނަށް ވެސް ސަރުކާރުން ހާމަކޮށްފައި ނުވާތީ، އެ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ ކަމަށެވެ.

އެގޮތުން ސަރުކާރާއި އީގަލް ހިސްލް ކުންފުންޏާ ދެމެދު ސެޕްޓެމްބަރު 21 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ހުރިހާ ތަފްސީލުތައް ހާމަކޮށްފައި ނުވާއިރު ރައްޔިތުންގެ ޓެކްސް ފައިސާ އިން ބިން ހިއްކުމަށް ފަހު އެ ބިން ހިއްކުމަށް ދިޔަ ޚަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވުމަކީ ވެސް ކަންބޮޑުވުމެއްކަން ފާހަގަކޮށްފައިވެ އެވެ. 

އޭގެ އިތުރުން ރަސްމާލެ އިން ހިއްކާފައިވާ 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް އަށް ދީފައި ވުމާއި، އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވާކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.