އެމްޑީޕީ އަކީ ބުނެލުމަށްފަހު ނިންމާލާ ބައެއް ނޫން ކަމަށާ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް ކަންކަން ކޮށްދޭ މަންޒަރު ފެންނާނެ ކަމަށް މާލެ ސޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި ރަނިންމޭޓު ކަމަށް ވާދަކުރައްވާ އާޒިމް ގެންދަވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާ، މާލެ ސަރަހައްދުގެ އާންމު ހާލަތު ބައްލަވަމުންނެވެ.
އެގޮތުން އަންގާރަ ދުވަހު ރަސްފަންނު ސަރަހައްދަށް ވަޑައިގަތުމަށްފަހު ރާއްޖެޓީވީ އާ ވާހަކަދައްކަވަމުން އާޒިމް ވަނީ މިހާރު މާލެ ސަރަހައްދުގައި ހިތް ހަމަ ޖައްސާލުމަށް ދެވޭނެ ރަނގަޅު ތަނެއް ނެތުމާއެކު ކުޑަކުދިން ގޮވައިގެން މޫދަށް އެރެވޭނެ ރަނގަޅު ތަނެއް ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ.
އާޒިމް ވިދާޅުވީ ރަސްފަންނު ސަރަހައްދުގައި ސިޓީ ކައުންސިލުން ކުރަމުންދިޔަ މަސައްކަތަށް ސަރުކާރުން ހުރަސް އެޅުމަށްފަހު މިހާރު އެތަން ހިމެނޭހެން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ވާ ބިންތައް ނެގުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ޖެއްސުން ކުރުމަށް ކަމަށެވެ.
އޭގެ އިތުރުން ބުޅަލުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ހުޅުމާލެ ފޭސް 2 ގައި ސިޓީ ކައުންސިލުން ފެސިލިޓީ އެއް ގާއިމް ކުރި ނަމަވެސް ސަރުކާރުން އެތަން ވެސް ނެގި ކަމަށެވެ. އަދި 65 މުވައްޒަފުންނާ 30 ބުޅަލާއެކު އެތަނުގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އަދިވެސް އެ މައްސަލައަށް ހައްލު ނުލިބޭ ކަމަށާ، މާލެ ސަރަހައްދުގައި މިއަދު އޮތީ ހުސް މައްސަލަ ކަމަށެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށް ސިޓީ ކައުންސިލުން ކުރާ މަސައްކަތަށް ސަރުކާރުން ހުރަސްއަޅަމުން ދާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.