ރަސްމާލޭގައި ދިރިއުޅޭނީ ދިވެހި ރައްޔިތުންނާއި އަރަބި އިސްލާމުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުން ގެނެސްދޭ " ދަ ޕަލްސް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު ވެސް ރަސްމާލެއިން ޕްރޮޕަޓީ ގަންނަން މުޅިންހެން ޝައުގުވެރިކަން ފާޅުކުރަމުން ދަނީ މެދުއިރުމަތީގެ އަރަބި ގައުމުތަކުގެ މީހުން ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލޭގައި އިސްރާއިލްއަށް ނިސްބަތްވާ އެއްވެސް ރައްޔިތަކަށް ރަސްމާލެއިން އެއްވެސް ތަނެއް ނުލިބޭނެ ކަމަށެވެ. 

ދިވެހި ރައްޔިތުންނާއި އަރަބީންނާއޭ އަޅުގަނޑު ދަންނަވާނީ މިތާ ތިބޭނީ އަރަބި އިސްލާމުން އިނގޭތޯ. އެހެންވީމަ އެއްވެސް ފުރުސަތެއް އޮތް ކަމެއް ނޫން އިޒްރޭލް ރައްޔިތުންނަށް ގާނޫނުން މަނާ ވާނެ މިތަނުން އެއްވެސް ތަނެއް ހޯދުން އިނގޭތޯ. މިދައްކަނީ ބޭސް ލެސް ވާހަކަތަކެއް އިނގޭތޯ
ޑރ މުހައްމަދު މުއިއްޒު 

ރައީސް މުއިއްޒު ވަނީ އިސްރާއިލް ރައްޔިތުން ރަސްމާލެގައި ދިރިއުޅުމަށް ފުރުސަތު ނުދޭނެ ކަމަށާއި  އެވާހަކަތަކަކީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކަތަކެއް ގޮތުގައި ސިފަކުރައްވާފައި އެވެ. އަދި މިވާހަކަތަކަކީ ބުއްދިއަށް ގަބޫލު ނުކުރެވޭ ވާހަކަތައް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވީ ނަމަވެސް އިސްރާއިލް ރައްޔިތުންނަކީ ޑުއެލް ޕާސްޕޯޓް ގެންގުޅޭ ބަޔަކަށް ވުމުން އެމީހުންނަށް ރަސްމާލެއިން ޕްރޮޕަޓީ ގަތުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ހަމައެއާއެކު، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށްފަހު އެ ސިޓީ އަލުން އާބާދުކުރުމަށް އެހީތެރިވުމާ ގުޅޭގޮތުން، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ވެސް އާންމު ރައްޔިތުންގެ މެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައި އެވެ. 

އެގޮތުން އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން ބިނާކުރުމުގެ މަޝްރޫއުތަކުން އިމާރު ކުންފުނީގެ އެހީތެރިކަމާއި ބިނާތައް ފެނިދާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަލައްބާރު ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އޭނާއަކީ ޚައިރާތު ނުވަތަ ހިލޭސާބަހަށް މަސައްކަތްކުރާ މީހެއް ނޫން ކަމަށާއި ކޮންމެ ބަޔަކުވެސް އެބަޔެއްގެ މައްސަލަތައް އަމިއްލައަށް ހައްލުކުރަންޖެހޭނެ ކަމަށް ވިދާޅުވެފައި އެވެ.