އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަންނަ 2027 ވަނަ އަހަރަށް އެ އޮފީހުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅާފައި ވަނީ މި މަހުގެ 12 ވީ ހޯމަ ދުވަހުގަ އެވެ. އެ ދުވަހުގެ މާލިއްޔަތު ކޮމިޓީގައި އެ އޮފީހުން ވަނީ 2027 ވަނަ އަހަރު އެ އޮފީހުން ކުރަން ހަމަޖެހިފައިވާ ޚަރަދުތަކާއި އޮޑިޓުތަކުގެ ތަފްސީލު ހިއްސާކޮށްފަ އެވެ. 

އެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ 2027 ވަނަ އަހަރަށް އެ އޮފީހުން ހުށަހަޅަނީ 394 އޮޑިޓް ކުރުމަށް ކަމަށެވެ. އެކަމުގެ ތަފްސީލު ހިއްސާކުރައްވާ ނިޔާޒީ ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ މާލިއްޔަތު ގާނޫނުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުގައި ހިމެނޭ 61 ތަނެއްގެ ފައިނޭންޝަލް އަދި ކޮމްޕްލަޔަންސް އޮޑިޓާއި، ލޯކަލް ކައުންސިލްތަކުގެ ތެރެއިން 106 އޮޑިޓްގެ އިތުރުން ޕަބްލިކް ފަންޑްސް އެންޑް ސްކީމްގެ 6 އޮޑިޓް ކަމަށެވެ. 

ނިޔާޒީ ވިދާޅުވީ މިއަހަރުގެ މިހާތަނަށް 183 ރިޕޯޓެއް ޝާއިއުކުރަން އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ވެސް 259 އޮޑިޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ނިޔާޒީ ވިދާޅުވި އެވެ. 

އެހެންކަމުން 2027 ވަނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން، 133,590,265 (ސަތޭކަ ތިރީސް ތިން މިލިއަން ފަސް ލައްކަ ނުވަދިހަ ހާސް ދުއިސައްތަ ފަސްދޮޅަސް ފަސް) ރުފިޔާގެ ބަޖެޓް އެއް ހުށަހަޅުއްވާ ކަމަށް ނިޔާޒީ ވިދާޅުވި އެވެ.