މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބޭނީ ފަރުވާގެ ނިޒާމު ވަރުގަދަ ވެގެން ކަމަށާއި މިސަރުކާރުން ގެންގުޅޭ ވިސްނުން އެއްކޮށް ބަދަލުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީގެ ނައިބު މުގައްރިރު ޝަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަމާއު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީއިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ. އެގޮތުން ޝަމާއު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައިގައި ގަވައިދުތަކާއި އުސޫލުތައް ހަދާ ފަރާތަކީ ވަޒީރު ކަމުގައި ވާނަމަ އޭގައި ވަރަށް ގިނަ މައްސަލަ ހުންނާނެ ކަމަށެެވެ.
އެގޮތުން މަސްތުވާތަކެތީގެ މައްސަލާގައި އޭގެ ހައްލު ހޯދަނީ ސިއްހީ ނަޒަރަކުން ވާހަކަދައްކައިގެންކަން ފާހަގަކުރައްވައި، ޝަމާއު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް މިސަރުކާރުގައި ހުރީ ޗައިނާ އަދި ފިލިޕީންސް ފަދަ ގައުމުތަކުގައި ގެންގުޅުން ފަދަ އިމިއުނިޓީ ވިސްނުން ކަމަށާއި އެއީ މީހުން މަރައިގެން މި މައްސަލަ ހައްލު ކުރުން ކަމަށެވެ. ހަމައެއާއެކު، ޝަމާއު ވަނީ ފިލިޕީންސް އިން މި މައްސަލަ ހައްލު ކުރުމަށް ހާހުން މީހުން މެރި ނަމަވެސް މައްސަލަ ހައްލު ނުވާ ކަމަށް ވިދާޅުވެފައި އެވެ.
އަޅުގަނޑުމެން އޮންނާނެ ހުރިހާ އިދާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ސެންޓްރަލް ކޮލަބޮރޭޝަން ޕްލޭންއެއް ވެސް ހަދާފައި، ހަމަ ބޮޑެތި ޑޮކިއުމަންޓް ހުރިހާ މުއައްސަސާތަކަށް އިނގޭނެ ކަންކުރަން ވީ ގޮތް، ދެން ހަމަ އެޔާއި އެއްކޮށް ފެސިލިޓީތައް ހިންގަންޖެހޭ ގޮތުގެ މެޕިން އެއް ވެސް އަޅުގަނޑުމެން ވާނީ ހަދާފައި، މުޅި އެންޑީއޭއާއި މި ނިޒާމު ހިންގަން ޖެހޭ ގޮތުގެ އެސްއޯޕީތައް އޮންނާނެ ޕްރޮސީޖަރ މެނުއަލްއަށް ދަންދެން އޮންނާނެ އިނގޭތޯ. ޑޮކްޓަރުން އަމަލު ކުރަން ޖެހޭ ގޮތުގެ ޕްލޭންތައް ވެސް އޮންނާނެ އެސްއޯޕީތަކާއި އެހެންވީމަ މިހުރިހާ ކަމެއް އޮއްވާ މި އެއްވެސް އެއްޗަކަށް ނުބަލާ ވަޒީރު އައިސް މަގުމެދުގައި ދެފައި ވަށްކޮށްފައި އިށީންދެފައި ގަވާއިދު ބަދަލުކުރަންވީމަ ދާނީ ގޯސްކޮށް.ޝަމާއު ޝަރީފް
ޝަމާއު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ދުނިޔޭގެ ކާމިޔާބު ގައުމުތަކުގައި ހައްލުކުރަނީ ސިއްހީ ނަޒަރަކުން އޯގާތެރިކަމުގެ އަތެއް ދިއްކޮށްލާގެން ކަމަށެވެ.
ހަމައެއާއެކު ޝަމާއު ވަނީ ކުރިން ހަދާފައިވާ ޕްލޭންތަކާއި އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލައްވާފައި އެވެ. އަދި މިއަށް އަމަލުނުކޮށް މީހުން ހިފާ ހައްޔަރު ކުރާ ވާހަކައާއި މަސްތުވާތަކެތި އަތުލައިގަތް ވާހަކަތައް ނޫސްތަކުގެ ސުރުހީއަށް އަރުވައިގެން ހައްލު ނުވާނެ ކަމަށް ޝަމާއު ވިދާޅުވި އެވެ.
އެހެންކަމުން، މީހުން އަތުލައިގަނެ ޖަލުތައް ފުރައިގެން މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށާއި، މިކަމަށް ހައްލެއް ލިބޭނީ ފަރުވާގެ ނިޒާމު ވަރުގަދަ ވެގެން ކަމަށް ޝަމާއު ވިދާޅުވި އެވެ. މީގެ އިތުރުން ޝަމާއު ވަނީ ދިވެހިރާއްޖޭގެ ކޮންމެ 10 އާއިލާއަކުން 5 އާއިލާ މަސްތުވާތަކެތީގެ ވޭނުގައި އުޅޭ ކަން ފާހަގަކުރައްވާފައި އެވެ.