އެއްބަނޑު އެއްބަފާ ބޭބެގެ އަތުން ފައިސާ ހޯދަން އުޅެ،
އެ ފައިސާ ނުދިނުމުން މަރާލާނެ ކަމަށް ބުނެ ބިރުދެއްކި މައްސަލައެއް ސާބިތުވެ، މީހަކު
ތިން މަހާއި ދެ ދުވަހަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި
އެވެ.
މި މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ މީހަކަށް
އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ދައުވާލިބޭ މީހާ އޭނާގެ ބޭބެގެ ކިބައިން ފައިސާ ދިނުމަށް އެދުމުން، ފައިސާ ނެތް ކަމަށް
ބޭބެ ބުނުމާ ގުޅިގެން އޭނާ ވަނީ ނުރުހުން ފާޅުކޮށް މަރާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
މި އިންޒާރު ދިން މަންޒަރު އެ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުންނަށްވެސް ފެނިފައިވާ
ކަމަށް ޝަރީއަތުގެ ލިޔެކިޔުންތަކުން އެނގެ އެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައްޔާއި، އަވަސްނިޔާގެ
އުސޫލުން ކުރިއަށްގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައިވެސް ދައުވާ ލިބުނު މީހާ ވަނީ އޭނާގެ
މައްޗަށް ކުރި ދައުވާއަށް އިއުތިރާފުވެފަ އެވެ. އަދި ކޯޓުން ވަނީ އެއީ ސައްޙަ އިއުތިރާފެއްކަމަށް
ކަނޑައަޅައި، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާ
ކަމަށް ނިންމާފަ އެވެ.
މި މައްސަލައިގެ ތަހުގީގު މަރުހަލާގައި، އަނިޔާ ލިބުނު
ބޭބެ ވަނީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ ފުލުހުންނަށް
ބަޔާން ދީފަ އެވެ. އަދި އޭނާގެ ކޮއްކޮ އަށް ދޭ އަދަބު ލުއިކޮށްދިނުމަށްވެސް ބޭބެ އެދިފައިވެ އެވެ.
ކޯޓުން ހުކުމް ކުރުމުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ،
ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ރިއާޔަތްކޮށްފައިވެ އެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ،
ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާތީ، އޭނާ ތިން މަހާއި ދެ ދުވަހުގެ މުއްދަތަށް
ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.