ބޭރުގެ
ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލުމަށް ސަރުކާރުން ނިންމައި، އެކަމަށް
ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ސަރުކާރުން
ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސް، ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން
ޓެކްސް ނަގަން ފެށީ އޮކްޓޯބަރު އެއްވަނަ ދުވަހުއެވެ. ނަމަވެސް ބޭރުގެ ޓްރެވަލް އެޖެންޓުންގެ
އަތުން ޓެކްސް ނަގަން ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ފަތުރުވެރިކަމުގެ
ސިނާއަތުގެ ކަންބޮޑުވުންތައް އިތުރުވުމުން، އެ ނިންމުން ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ
ފަހުން ވަނީ ނިންމަވާފަ އެވެ. އޭރު އެ ޤާނޫނަށް އަމަލުކުރަން ފެށިތާ އެންމެ ތިން ދުވަހެވެ.
ސަރުކާރުން
މި ބަދަލު ގެންނަން ނިންމީ މި ގާނޫނަށް އަމަލުކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި،
ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމުގެ ބިރު އޮތްކަމަށް ބުނެ
ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވުމުންނެވެ.
ފަތުރުވެރިކަން ދިވެހިރާއްޖޭގެ އިގުތިސާދުގެ އެންމެ
މުހިންމު ދާއިރާއަކަށްވާތީ، އެ ދާއިރާއަށް ގެއްލުން ލިބިދާނެކަމުގެ ބިރު އޮތުމުން މި
ބަދަލު ގެނައުމަށް އޭރުވެސް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ.
ބޭރުގެ
ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން ހުއްޓާލުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް
ހުށަހެޅީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. އެ އިސްލާޙުގައި ވަނީ
ބޭރު ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ހިމަނާފައިވާ ހުރިހާ މާއްދާއެއް އުނިކުރުމަށް
ހުށަހަޅުއްވާފަ އެވެ.