ޒަޔަނިސްޓުންގެ އަތުން ރާއްޖޭގެ ބިން ސަލާމަތްކުރުމަށް އެދި ދަމު ނަމާދުކުރުމާއި ދުއާކުރުން ފަދަ ކަންކަމުގެ ތެރެއިން ވަރަށް ބޮޑު ހިމޭން އިހުތިޖާޖެއް ރައްޔިތުން ކުރަމުންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.  

ރަސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމީކޮށްދޭ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެޓީވީން ކުރި ސުވާލާ ގުޅިގެން އިމްރާން ވިދާޅުވީ، ރައްޔިތުން މި ހިމޭން އިހުތިޖާޖު ކުރަމުންދާތާ މިހާރު ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ މިމަޝްރޫއަށް ދެކޮޅު ހަދާނެ ކަމަށާއި، ދެކޮޅަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށުމުގެ ކުރީން ރައީސް ޑރ.މުހައްމަދު މުއިއްޒާ ބައްދަލުކުރަން އެދިވަޑައިގަންނަވާނެ ކަމަށެވެ. 

އަޅުގަނޑުމެން ނަމާދުކޮށް ނިންމާފައި ދުއާކުރަން ފެށުން ވެސް އެއީ އަޅުގަނޑުމެންގެ ބިން ސަލާމަތްކޮށްދެއްވައިތޯ ޒަޔަނިސްޓުންގެ އަތުން. ދަމު ނަމާދަށް ފަތިސް ނަމާދުގެ ކުރިން ވަޑައިގަންނަވާ ބޭފުޅުން ދަމު ނަމާދުކުރައްވާފައި ގިނައިން ދުޢާކުރެއްވުން އެއީ އަޅުގަނޑުމެންގެ ވަރަށް ހިމޭން އިހުތިޖާޖެއް. ރޯދަވީއްލާ ބޭފުޅުން އެއްކޮށް ރޯދަވީއްލަން ދާ ގަޑީގައި އެ ތަނަށް އެއްވެވަޑައިގެން ރޯދަވީއްލަން މިސްކިތް ކައިރި ތިއްބަވައިގެން ދުޢާކުރައްވައި އެ ވާހަކަ ދެއްކެވުން ވަރަށް ހިމޭން އިހުތިޖާޖެއް. ކޮންމެ ދުވަހެއްގެ ހަވީރު ދަޅައިގައި ޕާކުތައް ކައިރިއަށް ވަޑައިގެން އެ ތަނުގައި މުނިފޫހިފިލުވާލަން ތިބޭ ގަޑީގައި މި ވާހަކަ ދައްކާލާ އެކަކު އަނެކަކަށް ޝުޢޫރު ބަދަލުކޮށްލުން އެއީ ވަރަށް ހިމޭން އިހުތިޖާޖެއް. އަޅުގަނޑުމެންގެ ހުރިހާ ޓީވީތަކުގައި ކޮންމެ ދުވަހަކު ދެ ގަޑި ތިން ގަޑިއިރު މިކަމަށް ހޭދަކުރުން އެއީ ވަރަށް ހިމޭން އިހްތިޖާޖެއް.
ޝެއިޚް އިމްރާން އަބްދުﷲ 

މީގެ އިތުރުން އިމްރާން ވިދާޅުވީ ރައްޔިތުންގެ އުދާހާއި އިހުސާސްތައް އަޑުއައްސަވާ ނަމަ އަދި ގައުމުގެ ފަސްގަނޑަށް އިހްތިރާމް ކުރައްވާ ނަމަ މި އެއްބަސްވުމުގައި ރައީސް މުއިއްޒު ސޮއިނުކުރައްވާނެ ކަމަށެވެ.

އިންތިޚާބު ތެރޭގައްޔާއި މިދިޔަ ޖުލައި 26 ގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، ރައީސް ވިދާޅުވާ ފަދައިން ރައްޔިތުންގެ ފަޅި ރަނގަޅަށް ބައްލަވަންޖެހޭ ކަމަށެވެ. އަދި އެންމެ ފުރަތަމަ ކަމަކަށް މި ހަރަކާތުން ރައީސާ ބައްދަލުކުރަން އެދޭ އެދުމަށް އިޖާބަދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިމަޝްރޫއަށް ދެކޮޅު ހެދުމުގެ ގޮތުން ކުރިއަށް އޮތް ފިޔަވަޅުތަކާއި ހަރަކާތްތަކަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވީ، މި ހަރަކާތް ހިންގުމުގައި ރާއްޖޭގެ ގައުމީ ކަންކަން ހިންގުމުގެ ވައްޓަފާޅި ދަންނަ ބޮޑު ޓީމެއް ފަހަތުގައި އެބައޮތް ކަމަށާއި، މި ބައްދަލުވުމަށް އެރީ އެ ޓީމުގެ މަދު ބޭފުޅުންކޮޅެއް ކަމަށެވެ. އަދި މި ޓީމުން ކަންކަން ދަސްކުރަމުންދާ ކަމަށާއި، އެއްކޮޅުން އެސްކަލޭޓް ކުރާ ނަމަ އަނެއްކޮޅުން ވެސް ކުރިއަށްދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެއްކޮޅުން އެސްކަލޭޓް ކުރީމާ، އަނެއްކޮޅުން އެސްކޮލޭޓް ކުރަން ފެށީމާ އެންމެ ވަރުގަދަ މީހުންނޭ ކުޑަކޮށް މަޑުޖެހިލާ ގޮތް ވަނީ
ޝެއިޚް އިމްރާން އަބްދުﷲ 

އިމްރާން ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 80 އިންސައްތަ ރައްޔިތުން ތިބީ އެ ބޭފުޅުންނާ އެކު ކަމަށާއި، މި ހަރަކާތް ކާމިޔާބުވާނެ ކަމަށެވެ.