މިހާތަނަށް މާލެ ސިޓީ ކައުންސިލަށް އެއްވެސް މަޝްރޫއުއެއް ހިންގުމަށްޓަކައި ރާވާފައިވާ ރޭވުމެއް ގެނެސްފައި ނުވާ ކަމަށާއި، ސަރުކާރުން އެދުނު ކޮންމެ ކަމެއް ވާނީ ކައުންސިލުން ފާސްކޮށްދީފައި ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ދެއްވި އިންޓަވިއުގައި މޭޔަރު އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާއި ގުޅުންހުރި އެއްވެސް ކަމެއް ނުހުއްޓުވާނެ ކަމަށެވެ. އެގޮތުން މާސް މާރުކޭޓް އަޅަން ސަރުކާރަށް ބިން ހަވާލުކުރިތާ ވެސް ގިނަ ދުވަސް ތަކެއް ވެފައިވާ ކަން އާޒިމް ފާހަގަކުރެއްވި އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ސަރުކާރުން ހިންގާ މަޝްރޫއުތަަކަށް އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެފައިވާ ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މިހާތަނަށް ސަރުކާރަކުން އެންމެ ގިނަ ބިން ނެގިފައިވާ އަދި ބިންގާ އެޅިފައިވާ ސަރުކާރަކީ މިސަރުކާރު ކަމަށެވެ. ނަމަވެސް މިކަން ތަރުޖަމާނަށް ނޭނގުމަކީ ތަރުޖަމާނުގެ ނާގާބިލުކަން ނުވަތަ ތަރުޖަމާނު އިނގިހުރެ އިތުރުފުޅު ހެއްދެވީ ކަމަށް އާޒިމް ވިދާޅުވި އެވެ.  

މިހާތަނަށް ސަރުކާރުން އެދިފައިވާ ކޮންމެ ކަމެއް ވާނީ ކައުންސިލުން ފާސްކޮށްގެން ކޮށްދީފައި. އެއީ ރައްޔިތުންނާއި ގުޅުންހުރި އެއްވެސް ކަމެއް އަޅުގަނޑުމެން ނުހުއްޓުވާނެ. އެގޮތުގެ މަތިން މާސް މާރކެޓް އަޅަން ވެގެން މަސް މަރކޭޓް ބިން ހަވާލު ކުރިތާ މިހާރު ވެދާނެ ލައްކަ ދުވަސް. އިނގިވަޑައިގަންނަވާނެ މާދަމާ މާދަމާ ފަށަަން އޮތް ގޮތުގައި އެމީހުން ކުރި ކަމެއް ވަގުތުން ވަގުތަށް އަޅުގަނޑުމެން ކައުންސިލުން ވާނީ ނިންމާފައި ދީފައި. އެއީ މުހިއްމު ކަމަކަށް ވާތީ. އަދި މިހާތަނަށް އަޅުގަނޑުމެން އަތުން ނަގަން ފަށާފައިވާ ބިންތަކަކީ ވެސް އޭގެން އެއްވެސް މިންވަރަކަށް ޕްރޮޖެކްޓެއްގެ އެއްވެސް ވަރަކަށް ޑިވޮލޮޕް ކޮށްފައި ބަޖެޓް ކަނޑައެޅިފައިވާ ގޮތެއް އަންގާފައި އޮތީކީ ނޫން 
އާދަމް އާޒިމް 

މިފަދަ ކަންކަމަކީ ރައްޔިތުންނަށް ޖެއްސުން ކުރަން ވެގެން ކުރާ ކަންކަން ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. އަދި ކައުންސިލްތަކުގައި ރައްޔިތުން އެދުނު ކަންކަން ކުރަން ނުދިނުމަށް މިސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގާނޫނުތައް ބަދަލުކޮށްފައި ކަމަށް އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން، އާޒިމް ވަނީ މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.