ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ގައުމީ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ. 

މިކަން އިއުލާން ކުރައްވާފައި ވަނީ ރަސްމާލެގެ މަޝްރޫއުއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އެވެ. އެގޮތުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، މިއަދު ފެނިގެން ދަނީ މުޅި ދިވެހިރާއްޖޭގެ ބާރުވެރިކަން ޒަޔަނިސްޓުންގެ އަތްމައްޗަށް ދާ ގޮތަށް 500 ހެކްޓަރުގެ ބިން ދޫކޮށްލާން ކަމަށެވެ. 

އިމްރާން ވިދާޅުވީ މިހިސާބަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކަންކަން ދިޔުމުން އެކަމަކީ ހަމައެކަނި ސިޔާސީ ކަމެކޭ ނުވަތަ ވިޔަފާރިއަށް ހެދޭ އިންވެސްޓްމަންޓްއެކޭ ބުނެ ބަލައިގެން ތިބެން ދިވެހި ރައްޔިތުން ގަބޫލެއް ނޫން ކަމަށެވެ. އެގޮތުން ދިވެހީންގެ ބޮޑު އަގުލަބިއްޔަތެއް ގަބޫލު ކުރަނީ ރަސްމާލެ މަޝްރޫއުއަކީ ދުރާލާ ރާވައިގެން ދިވެހީންގެ ބާރު ދިވެހީންގެ އަތުން ނަގައި ޒަޔަނިސްޓުންގެ އަތްމައްޗަށް ދޫކޮށްލުމަށް ހިންގާ ވަރަށް ނުރައްކާތެރި ޖަރީމާއެއް ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި މިކަމަކީ ރައީސް މުއިއްޒުގެ އަމިއްލަ މަސްލަހަތުތައް ފުރިހަމަ ކުރުމަށް ހިންގާ މަޝްރޫއުއެއް ކަމަށް އިމްރާން ތުހުމަތު ކުރެއްވި އެެވެ. 

މި ސަބަބާއި ހުރެ ވޭތުވެދިޔަ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން އަޅުގަނޑު ހިތުން މިހާރު ސޮއި ކޮށްފައިވާ އެއްޗެއްގައި ސޮއި ކުރީ 21 ސެޕްޓެމްބަރުގައި އެހިސާބުން ފެށިގެން މިއަދާއި ހަމައަށް މެދުކެނޑުމެއްނެތި ރާއްޖޭގެ މުހިއްމު ނޫސް މީޑިއާތަކުންނާއި ރާއްޖޭގެ އެކި ކޮންކޮޅުގައި ތިއްބެވި ބަސްކިޔުން ތެރިންނާއި ތަފާތު އުމުރުފުރާތަކުގެ މީހުންނާއި ދިރާސާކުރާ މީހުންނާއި މި އެންމެން އެކުވެގެން މިއައީ ވަރުގަދަ ބޮޑު އިހުތިޖާޖެއް ކުރުމަށް. 
އިމްރާން އަބްދުﷲ

މިއަދު މި ފަށާކަމަކީ ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް ވަކިވަކިން އިއްްވަމުން ދިޔަ އަޑުތައް އެއްކޮށްލުން ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި މިހަރަކާތަކީ "ދިވެހީންގެ ބިން ދިވެހީންނަށް" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ ގައުމީ ހަރަކާތެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. 

ހަމައެއާއެކު، ސަރުކާރުން ރަސްމާލެ މަޝްރޫއު ހުއްޓާލަން ދެން މި ހަރަކާތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އިމްރާން ވަނީ ދެއްވާފައި އެވެ. 

މީގެ އިތުރުން، ޒަޔަނިސްޓުންނަށް ނުވަތަ އެމީހުންނަށް ބާރުވެރިކަން ލިބޭ ގޮތަށް ދިވެހިރާއްޖޭގެ ބިމުން އެންމެ ވެލިފުކެއް ވެސް ދޫކޮށްލެވިގެން ނުވާނެ ކަމަށާއި، ދިވެހިރާއްޖޭގެ ބިމާއި ކަނޑުފަޅު ބޭރުގެ އިންވެސްޓަރުންގެ އަތްމައްޗަށް ދޫކޮށްލެވޭނީ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ފުރިހަމައަށް މަންފާ ކުރާ ގޮތެއްގެ އިތުރުން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖެއިން ގުދުރަތީ ވަސީލަތެއް ދޫކޮށްލަން ވާނީ ހާމަކަން ބޮޑު ދެފުށް ފެންނަ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ކަމަށް އިމްރާން ވިދާޅުވި އެވެ. 

ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ތެދުވަން ޖެހުނީ މި އުސޫލުތަކާއި ދެކޮޅަށްް ރައީސް މުއިއްޒު ކަންތައް ކުރުމުން ކަމަށާއި މިކަން ދިވެހި ރައްޔިތުންނާއި އެކު ތެދުވެ މާތްﷲ އިރާދަކުރެއްވިއްޔާ ހުއްޓުވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. ރައްޔިތުންގެ ތެރެއިން ބޮޑު އަގުލަބިއްޔަތެއް މިކަމާއި ދެކޮޅުކަން ވެސް އިމްރާން ވަނީ ފާހަގަކުރައްވާފައި އެވެ.