ޑޮލަރު ލިބުން ދަތިވެ، ބޭރުގެ ކިޔަވާ ކުދިންނާއި ވިޔަފާރިވެރިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

ހޯމަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު އަދިވެސް ދަނީ އިންތިހާއަށް މައްޗަށް ކަމަށެވެ. އަދި އެކައުންޓްގައި ދިވެހި ރުފިޔާ ހުރި ނަމަވެސް އެ ފައިސާ ޑޮލަރަށް މާރު ނުކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން، ކުދިން މަދަރުސާއަށް ލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅޭ އާއިލާތަކާއި، ގިނަ ވިޔަފާރިވެރިންނަށް އިންތިހާއަށް ދަތިވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ޑޮލަރު ހޯދުމަށް ގެނައި ހުރިހާ ސިޔާސަތެއް ފެއިލް ވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ހަމައެއާއެކު، ރައީސް ނަޝީދު ވިދާޅުވީ މި މަހު ވެސް ރާއްޖެ ޑިފޯލްޓް ނުވެ ސަލާމަތްވީ އިންޑިއާގެ ކަރަންސީ ސްވޮޕް އަނބުރާ ދެއްކަން ޖެހޭ މުއްދަތު އިތުރު ކޮށްދިނުމުން ކަމަށެވެ. މީގެ އިތުރުން އާންމު ރައްޔިތުން މިފަދަ ދަތި ހާލެއްގައި އުޅެނިކޮށް ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވަން ނިންމެވުމުން ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ.