ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެމީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފި އެވެ. 

މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 2:55 އެހައިކަންހާއިރު އެވެ.  މިއެކްސިޑެންޓާ ގުޅިގެން އަނިޔާވި 5 މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސިރިއަސްވެ ފުރަތަމަ ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގަ އެވެ. އަދި އެކަކުގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.  

މި މީހުންގެ ހާލަތާ ގުޅޭގޮތުން ރާއްޖެއެމްވީ އަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި 3 މީހުންނަށް މިވަގުތު ވޯޑުގައި ފަރުވާ ދެމުންދާއިރު، އެކަކަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ. 

އެއީ  ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އިރުމަތީގެ ލ.މާމެންދޫ، މުހައްމަދު ސައިފް އެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާއެކު އޮކްޓޫބަރު 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަކޮށްފަ އެވެ. 

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި 3 މީހުން އަރައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.