އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ. އަޙްމަދު އަދީލް ނަސީރުގެ އާއިލީ ބޭފުޅުންނަށާއި ގާތް ރައްޓެހިންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެފައި ވަނިކޮށް، އެ ހޮސްޕިޓަލުގެ އިސް މަގާމަކަށް އޭނާގެ ކޮއްކޮ ހޮވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އޭއީއެޗްގެ ޕްރިންސިޕަލް އައިސީޓީ ޓެކްނީޝަންގެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދައިގެން އެ މަގާމަށް ހޮވިފައިވަނީ ސީއީއޯ ޑރ. އަދީލްގެ ކޮއްކޮ އަޒްމީލް ނަސީރު އެވެ. މިއާއެކު، ވަޒީފާ ދިނުމުގެ މަރުހަލާ ދިޔައީ އިންސާފުވެރިކޮށްތޯ ސުވާލު އުފައްދައި، ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވަޒީފާ ހަމަޖެއްސުމުގައި ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް، އެ ހޮސްޕިޓަލުން ވަނީ 1 ސެޕްޓެމްބަރު 2026 ގައި އިއުލާނުކުރި ޕްރިންސިޕަލް އައިސީޓީ ޓެކްނީޝަންގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ އޭ-2 ޝީޓް އާންމުކޮށްފަ އެވެ. އާންމުކުރި ޝީޓުން ދައްކާ ގޮތުގައި، 92.15 މާކްސްއާއެކު އެންމެ ކުރީގައި އޮތީ އަދީލްގެ ކޮއްކޮ އަޒްމީލް ނަސީރެވެ. މި މަގާމަށް ޖުމްލަ 5 ފަރާތަކުން ކުރިމަތިލާފައިވާއިރު، އަސާސީ ޝަރުތު ހަމަނުވާތީ އޭގެ ތެރެއިން ދެ ފަރާތެއް ވަނީ ޑިސްކޮލިފައިކޮށްފަ އެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތްތައް
އޭއީއެޗްގެ ޕްރިންސިޕަލް އައިސީޓީ ޓެކްނީޝަންގެ މަގާމަށް އަޒްމީލް ނަސީރު ހޮވުމުގައި މަސްލަހަތު ފުށުއެރުންތަކެއް ހުރި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައިވެ އެވެ. އެގޮތުން، އަޒްމީލް ހޮވި އިންޓަވިއު ޕެނަލްގައި ހިމެނިވަޑައިގެންނެވި އެ ހޮސްޕިޓަލުގެ އައިޓީ ޑިރެކްޓަރު އަލީ އިބްރާހިމަކީ، އައްޑޫ ހައި ސްކޫލުގައި އަޒްމީލާއެކު ގާތުން މަސައްކަތްކުރައްވާފައިވާ ބޭފުޅެއްކަން ވަނީ ފާހަގަކުރެވިފަ އެވެ.
އެހެންކަމުން މި ނިންމުމުގައި މަސްލަހަތު ފުށުއެރުން އޮންނާނެ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދިއަ ވާހަކަތަކުން، ހޮސްޕިޓަލުގެ އިދާރީ ހިންގުމުގެ ތެރެއިން ވަޒީފާ ދިނުމުގައްޔާއި އެކި މަޝްރޫއުތައް ހަވާލުކުރުމުގައި އަމިއްލަ މަސްލަހަތާއި ގުޅުންތަކަށް އިސްކަންދެމުންދިއަކަށް ވަނީ ހާމަވެފަ އެވެ. އަދި މި ކަންކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށްވެސް އެ ފަރާތްތަކުން ތުހުމަތުކުރެ އެވެ.
އާންމު އުސޫލެއްގެ ގޮތުން ސަރުކާރުގެ ހޮސްޕިޓަލްތަކާއި އެހެނިހެން ރަސްމީ އިދާރާތަކަށް މުވައްޒަފުން ނަގަނީ އާންމުކޮށް އިއުލާންކޮށްގެން، ސިވިލް ސަރވިސްގެ ނުވަތަ އެ އިދާރާއަކަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ ތެރެއިންނެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯގެ މަޤާމުގައި
މިހާރު ހުންނެވީ ޑރ. އަޙްމަދު އަދީލް ނަސީރު އެ މަގާމާ
ރަސްމީކޮށް ހަވާލުވެވަޑައިގެންފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ
ތެރޭގަ އެވެ.