ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް ކަމެއް ސާފުނުވާތީ، މިއީ ރާއްޖެއަށާއި ރާއްޖޭގެ އިގްތިސާދާއި އިސްތިގުލާލަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަން ހާމަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ، ރަސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް 99 އަހަރަށް ދީފައިވާ ކަމަށް ބުނާއިރު، އެތަނުގައި ޒަޔަނިސްޓުން ވަޒަންވެރިވެވޭނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

ސަރުކާރުން އެކަން ކުރަން އުޅެނީ އެ ގޮތަށް ނޫން ކަމަށް ބުނި ނަމަވެސް، ޒަޔަނިސްޓުން ވަޒަންވެރިވެއްޖެ ހާލަތެއްގައި ކަންކަން ކުރެވޭނެ ގޮތްތަކާ މެދު ސަރުކާރުން ދައްކާ ވާހަކަތަކުގައި އެއްވެސް ދެކޮޅުޖެހުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިމަޝްރޫއާ ގުޅޭގޮތުން ތާކުންތާކު ނުޖެހޭ ވާހަކަތައް ދެކެވެމުންދާތީ މި މަޝްރޫއާ މެދު ދެކެން ޖެހެނީ ވަރަށް ނުރައްކާތެރި މަޝްރޫއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އީގަލް ހިލްސްގެ ވެބްސައިޓުގައި ފުރަތަމަ ލިޔެފައި  އޮތީ 99 އަހަރަށް ކަމަށާއި، އެ މުއްދަތު ހަމަވުމުން އިތުރު 99 އަހަރަށް، އަދި އަނެއްކާވެސް އިތުރު 99 އަހަރަށް އާކުރެވޭ ގޮތަށް ކަމަށްވާތީ، މިއީ މުޅި އުމުރަށް އެ ތަން ވިއްކާލެވޭ ފަދަ ގޮތަކަށް އޮތް އިންތިޒާމެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ތިލަވަމުންދާ މައުލޫމާތުތަކުގައި ނުރައްކާތެރި އެތައް ކަމެއް ހިމެނޭކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ނަމަވެސް އެ މައުލޫމާތުތައް ދޮގުކޮށް ބަދަލުކުރުމަށް ސަރުކާރުގެ އިސް ފަރާތްތަކުން ކުރާ މަސައްކަތްތަކުން ވެސް ފެންނަނީ އެއްވެސް ދެއުޅިއެއްނުވާ ކަންކަން ކަމަށާއި، މި މަޝްރޫއުން ސާފުވާ ހަމަ އެއްވެސް ކަމެއް ނެތް ކަމަށް ނެތް ކަމަށެވެ. 

މަޝްރޫއުގެ ބޭނުމާ މެދު ސަރުކާރުން ދައްކަފާނެ ބަހަނާތަކަށް އަލިއަޅުއްވާލައްވައި އިހުސާން ވިދާޅުވީ، މިއީ ރިއަލް އެސްޓޭޓް ވިޔަފާރިއެއް ކަމަށް ނުވަތަ ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދަން ހިންގާ މަޝްރޫއެއް ކަމަށް ވެސް ބުނެފާނެ ކަމަށެވެ. އަދި އެހެން މަސައްކަތެއް ކުރަން އުޅޭ ކަމަށް ބުނެ، މީގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިދާނެ ކަމަށް ވެސް ދައުވާކޮށްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް މިއީ ވާނުވާ ނޭނގޭ މަޝްރޫއެއް ކަމަށާއި، މިހާތަނަށް ހުރި ކަންބޮޑުވުންތަކަށް ސާރުކާރަށް ސާފު ޖަވާބެއް ދެވިފައިނުވާ ކަމަށް އިހުސާން ވިދާޅުވި އެވެ.