20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް ކަމަށާ، އެ މަޖިލީހަކީ ބޮޓުންގެ މަޖިލީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެންބަރުނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނަށް ވަނީ ބަހުސް ކޮށްފަ އެވެ. 

އެ ޕެޓިޝަނަށް ބަހުސްކުރައްވާ މެންބަރު މީކާއިލް ވިދާޅުވީ ދޭތެރެދޭތެރެ އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިނާޔަތްތަކާ އިމްތިޔާޒްތަކާ ގުޅިގެން މި އުފެދޭ ކަންބޮޑުވުން އަންނަނީ މަޖިލީހުގެ ޕަރފޯމަންސް އާ ގުޅިގެން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ރައްޔިތުން އެދޭ ޕަރފޯމަންްސް ދެއްކޭނަމަ ލިބޭ މުސާރަ އެއް ވެސް ލިބޭ އިނާޔަތެއް އަދި އިންޝުއަރެންސް އާ މެދުވެސް ރައްޔިތުންގެ މާބޮޑު ކަންބޮޑުވުމެއް ނޯންނާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހަކީ ޕަރފޯމް ނުކުރެވޭ އަދި ރައީސް އޮފީހުގެ ކުޑަކުޑަ ޑެސްކް އަކަށް ބަދަލުވެފައިވާ ތަނެއްގެ ގޮތުގައި ރައްޔިތުންނަށް ފެންނަ ނަމަ ދޭ މުސާރަ އާއި އިނާޔަތާ އިންޝުއަރެންސް ވެސް ހައްގު ކަމަށް އެމީހުން ނުދެކޭނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ކިތަންމެ އަޑުގަދަ ކުރިއަސް މިއީ ހަގީގަތް. މިއީ ހަމަ ހަގީގަތް. ހަމަ ހަޖަމު ކޮށްލަން ޖެހޭނީ. އަޅުގަނޑުމެން މިތާ ތިބިހާ ހިނދަކު މި ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންގެ އަޑު ކަނޑުވާލަން ތަކުރާރުކޮށް ސަރުކާރުގެ ކުލީ މެންބަރުންގެ ގޮތުގައި ބްރޭންޑް ކޮށްފައި ތިބި މިނިވަން މެންބަރުން ލައްވާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު
މީކާއިލް އަހުމަދު ނަސީމް

މެންބަރު އެހެން ވިދާޅުވުމާއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެންބަރުންނަށް ހުތުރުވާ ގޮތަށް އަދި މެންބަރުންނަށް ބަދުނާމުވާ ގޮތަށް ވާހަކަނުދެއްކެވުމަށް އިލްތިމާސްކުރައްވާފަ އެވެ. 

އެ ވާހަކަ އަށް ރައްދުދެއްވާ މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ ކަރާމާތް ނަގާލަނީ ހަމަ އެ މެންބަރުން ކަމަށެވެ. އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް ކަމަށާ ބޮޓުންގެ މަޖިލީހެއް ކަމަށް މެންބަރު ވިދާޅުވި އެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލިސް، ކުލީ މެންބަރުންގެ މަޖިލީސް ބޮޓުންގެ މަޖިލިސް
މީކާއިލް އަހުމަދު ނަސީމް

އެއާއެކު ރިޔާސަތުން ވަނީ އަނެއްކާ ވެސް މެންބަރުގެ ވާހަކަ ހުއްޓުވާ ބައުންޑްރީގެ ތެރެއިން ވާހަކަ ދެއްކެވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި މެންބަރުންނަކީ ބޮޓުންނޭ ނުވަތަ ކުލީ މެންބަރުންނެކޭ ނުދެންނެވޭނެ ކަމަށް ވިދާޅުވެ، އިތުރަށް އެގޮތަށް ވާހަކަ ދައްކަވާނަމަ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެކަމަށް ވެސް މީކާއިލް ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން މެންބަރު އެތާތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިފަކުރައްވަން ބޭނުންވާ ގޮތް ހުއްޓުވުމަކީ ރިޔާސަތަށް އޮތް އިހުތިޔާރެއް ނޫން ކަމަށް ވިދާޅުވެފަ އަނެއްކާ ވެސް މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް ކަމަށް ވިދާޅުވެފަ އެވެ.  ދެން ވެސް ރިޔާސަތުން ވަނީ މެންބަރުގެ ވާހަކަ ހުއްޓުވާފަ އެވެ. 
މީކާއިލް އަހުމަދު ނަސީމް

މިތާ ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ އަމަލުފުޅު ހުންނަ ގޮތާ ބެހޭ ގޮތުން އަޅުގަނޑުމެންގެ ޚިޔާލު ފާޅު ކުރުމަކީ އަޅުގަނޑުމެން ހައްގެއް. މިއީ ޕީއެންސީގެ އަސާސީ ގަވާއިދެއް ނޫން. މިތާކު އަސްމާއްތަ ކަޓުވާލިހެން ި ގަވާއިދު ކަޓުވައެއް ނުލެވޭނެ. މި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލިސް. މިއީ ޕީއެންސީ ގެ ސެނެޓެއް ވެސް ނޫން. މިއީ ޕީއެންސީގެ ހަރުގެ ޖަލްސާ އެއް ވެސް ނޫން. މިއީ ރައްޔިތުންގެ މަޖިލިސް. މިތާ އަޅުގަނޑުމެން ދައްކާނަން. މިތަނުގެ ގަވާއިދު އޮޅާލާއިރު އަޅުގަނޑުމެން މަޑަކުން ނުތިބޭނަން.

ހުށަހަޅާފައިވާ ޕެޓިޝަންގައި ބުނީ އާންމު ރައްޔިތުންނަށް ނުލިބޭ  ސިއްހީ އިންޝުއަރެންސްއެއް އާންމު ރައްޔިތުންގެ ފައިސާއިން އެ އާންމުން ތަމްސީލް ކުރަން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ދިނުމަކީ ތަސައްރަފު ފުދިފައިވާ އެއްވެސް ސިޔާސީ ނިޒާމެއް ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖެއަށް ވުރެ އެތައް ގުނައެއް މުއްސަނދި ގައުމުތަކުން ވެސް ކުރާ ކަމެއް ނޫން ކަމަށް އެ ޕެޓީޝަންގައި ވެ އެވެ.