ރާއްޖޭގެ ސިއްހީ އަދި ތައުލީމީ ދާއިރާއަށް އިންޑިއާއިން މީހުން ގެނައުމުގެ ބަދަލުގައި، ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމައި އެކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމުގެ އިތުބާރުހުރި މައުލޫމާތު ރާއްޖެއެމްވީ އަށް ލިބިއްޖެ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ނިންމުމުގެ ދަށުން، ސަރުކާރުން އަލަށް އުފެއްދުމަށް ހަމަޖެހިފައިވާ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ހާއްސަ އިދާރާއަށް ބޭނުންވާ 1،000 ސިއްހީ މާހިރުން ހޯދުމަށްޓަކައި ޕާކިސްތާނު ސަރުކާރުގެ އެހީތެރިކަމަށް ރަސްމީކޮށް އެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

އެގޮތުން ޕާކިސްތާނުން ގެނައުމަށް ހަމަޖެހިފައިވާ ސިއްހީ މާހިރުންގެ ތެރޭގައި އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން (ފިޒީޝަނުން) އަދި ހޭނައްތާ ޑޮކްޓަރުންގެ އިތުރުން ނަފްސާނީ އަދި ރިހެބިލިޓޭޝަން ދާއިރާގެ މުހިންމު ފަންނުވެރިން ހިމެނެއެވެ. އޭގެ ތެރޭގައި، ސްޕީޗް ތެރަޕިސްޓުން، ބިހޭވިއަރަލް ތެރަޕިސްޓުން، އޮކިއުޕޭޝަނަލް ތެރަޕިސްޓުން، އަދި ސައިކޯތެރަޕިސްޓުން ހިމެނެ އެވެ.

ސިއްހީ ދާއިރާގެ އިތުރުން، ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހޯދުމުގައި ވެސް ޕާކިސްތާނަށް އިސްކަންދިނުމަށް ސަރުކާރުން ވަނީ ރާވާފަ އެވެ.

ޒަމާނުއްސުރެ ރާއްޖޭގެ ސިއްހީ އަދި ތައުލީމީ ދާއިރާގައި ގިނަ އަދަދަކަށް އިންޑިއާ މީހުން ހަރަކާތްތެރިވަމުން ދެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު، މި އޮކްޓޫބަރު މަހުގެ 20ން 22 އަށް ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ފާއިތުވި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް މުއިއްޒު ޕާކިސްތާނުގެ ލީޑަރުންނާއެކު ގިނަ ދާއިރާތަކަކުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި، މި ދަތުރުފުޅުގެ ތެރެއިން ގާތްގަނޑަކަށް 12 އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

މި ދަތުރުފުޅުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމުގެ އެއްބަސްވުމެވެ. މީގެ އިތުރުން ސިއްޚީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، މެޑިކަލް ޓޫރިޒަމް ކުރިއެރުވުމުގެ އިތުރުން ތައުލީމީ އަދި ދިރާސާކުރުމުގެ ދާއިރާއިން ދެ ޤައުމުގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެކުލަވާލާ އެއްބަސްވުމުގެ ތަފްސީލުތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި ދާއިރާއިން އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ރޭވިފަ އެވެ. އަދި މާލީ ދާއިރާއާއި، ޓެކްނޮލޮޖީ، ފަތުރުވެރިކަން، މޫސުމަށް އަންނަ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ވެސް މި ދަތުރުފުޅުގެ ތެރެއިން ސޮއިކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

މީގެ އިތުރުން ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭ އެއްބަސްވުމެއްގެ މަޝްވަރާތައް މިއަހަރުގެ ފެބްރުއަރީ މަހު ކުރިއަށް ގޮސްފައިވީ ނަމަވެސް، އެ އެއްބަސްވުމުގައި މި ދަތުރުފުޅުގެ ތެރެއިން ސޮއިކުރާނެކަން އަދި ކަށަވަރެއް ނުވެ އެވެ. މި އެއްބަސްވުންތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަންކަން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ބައެއް މީހުން ދެކޭ ގޮތުގަައި މިއީ އިންޑިއާ ރުޅިއެރުވުމަށް ސަރުކާރުން ކުރަމުންދާ ކަމެކެވެ. މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ކުރިއަށް ގެންދިޔަ 'އިންޑިއާ އައުޓް' ކެމްޕޭނަކީ، ބައެއް ފަރާތްތަކުން ދެކޭގޮތުގައި، ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި އަވައްޓެރި އިންޑިއާއާ އޮތް ގުޅުން ހީނަރުކުރުމަށް ހިންގި ހަރަކާތެކެވެ. މީގެ އިތުރުން، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ވެސް ދެޤައުމުގެ ޚާރިޖީ ގުޅުމަށް ބުރޫއަރާފަދަ ބައެއް ކަންކަން ވަނީ ހިނގާފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރުގެ ސޫރަ ދައްކުވައިދޭ މާލި ހަދައިގެން މަގުމަތީގައި އިހުތިޖާޖުކުރުމާއި، ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ އަމަލުތައް ހިމެނެ އެވެ.

އެހެންނަމަވެސް، އިންޑިއާއަކީ ދިވެހިރާއްޖެއަށް ދަތި އަދި އެހީތެރިކަން ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި ވެސް އެންމެ ފުރަތަމަ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާފައިވާ އެންމެ ގާތް އަވައްޓެރި ޤައުމެވެ.