ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 16 ވަނަ ދުވަހުއެވެ.

އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން، ސަމޭދާން / ހދ. ކުޅުދުއްފުށި، ނަބީހު ޢަބްދުއްރަޝީދު (23އ) ހައްޔަރުކޮށް، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ނަބީހު ޢަބްދުއްރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަށްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.