މަޖިލިސް މެމްބަރުންނަށް ލިބޭ ބޮޑެތި އިނާޔަތްތަކާ
މެދު އާންމު ރައްޔިތުން ނުރުހުން ފާޅުކުރާ ހަގީގީ ސަބަބަކީ، މެމްބަރުން އަމިއްލައަށް
ބޮޓުންނަށްވެގެން މަޖިލީހުގައި ތިއްބަވާތީ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް
ޒާކިރު ވިދާޅުވެއްޖެ އެވެ.

އާންމު ރައްޔިތުންނަށް ނުލިބޭ ފަދަ އަގުބޮޑު ހެލްތު
އިންޝުއަރެންސް ޕެކޭޖުތަކެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭތީ އެކަން
ހުއްޓާލުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނަށް ބަހުސް ކުރައްވަމުން މައުރޫފް ވަނީ
މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ އިތުބާރު ނެތް ސަބަބުތަކަށް އަލިއަޅުއްވާލައްވާފަ
އެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މައުރޫފް
ވިދާޅުވީ، ރައްޔިތުންގެ އެތައް ކަންބޮޑުވުންތަކެއް ހުރި އިރު، އެ ކަންކަމާ ގުޅޭގޮތުން
އަޑުއުފުލުމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ މެމްބަރުން ނުކުޅެދިފައިވާ ކަމަށެވެ.
ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކުމުގެ ބަދަލުގައި، ވަކި ބައެއްގެ ނުފޫޒުގައި ޖެހި
މެމްބަރުން ތިބޭ ތިބުމަކީ ރައްޔިތުންގެ ނުރުހުން މެމްބަރުންނަށް އަމާޒުވާ އެންމެ ބޮޑު
ސަބަބު ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

ބޭސްފަރުވާގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން
މައުރޫފް ވިދާޅުވީ، އެކަށީގެންވާ ބޭސްފަރުވާ ނުލިބުމުގެ ޝަކުވާއާއި ކަންބޮޑުވުން އާންމު
ރައްޔިތުންގެ މެދުގައި އިންތިހާއަށް އެބައޮތް ކަމަށެވެ.

 ރައްޔިތުންނަށް
ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ބޭސްފަރުވާގެ ކަންކަން ފުރިހަމައަށް ފުދިފައި ހުންނަނަމަ،
މަޖިލިސް މެމްބަރުންގެ ފަހަތުން ދުވެ، މެމްބަރުންނަށް ލިބޭ އިނާޔަތްތަކާ މެދު ސުވާލު
އުފައްދަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މައުރޫފް ފާހަގަކުރެއްވި ގޮތުގައި،
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ވަކީލުންނަށް ވާއިރު، ރައްޔިތުންގެ
އިހުސާސްތައް ދަނެގެން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް
މިހާރު ފެންނަމުންދަނީ ރައްޔިތުންގެ އަޑު އިއްވުމުގެ ބަދަލުގައި މެމްބަރުން އިސްކަންދޭ
އެހެން މަސްލަހަތުތަކެއް އޮންނަ މަންޒަރު ކަމަށާއި، މިއީ މުޅި މުއައްސަސާގެ އަގު ވެއްޓެން
މެދުވެރިވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިސް މެމްބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސް
ކަނޑާލުމަށް ގޮވާލައި ހުށަހަޅާފައިވާ މި ޕެޓިޝަނަކީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި
މެމްބަރުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ބާރުއެޅުމުގެ
ގޮތުން ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.