މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމެންޓް އިން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށްޓަކައި 58 ބިލިއަން ރުފިޔާ ބޭނުން ވާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ އެ މިނިސްޓްރީގެ ދަށުން ފެށިފައިވާ މަޝްރޫއުތައް ނިންމުމަށްޓަކައި ބޭނުންވާނެ ކަމަށް ލަފާކުރެވޭ ޖުމްލަ ބަޖެޓަކީ ކޮބައިތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. އަދި އެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި ވަނީ ކިހާ މިންވަރެއްގެ ފައިސާ އެއް ތޯ ވެސް މެންބަރު ސުވާލު ކުރެއްވި އެވެ. 

އެ ސުވާލަށް ލިޔުމުން ޖަވާބުދެއްވާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މަޝްރޫއުތައް ނިންމުމަށްޓަކައި 58.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ މަޝްރޫއުތައް ހިންގުމަށް ހަމަޖައްސާފައި ވަނީ ޕްރޮގްރާމް ބަޖެޓް އެއް ކަމަށާ އެގޮތުގެ މަތިން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްލޭން އާ އެއްގޮތަށް މަޝްރޫއުތަކަށް ބަޖެޓް ހަމަޖައްސަނީ މިނިސްޓްރީ އޮފް ފައިނޭންސް އިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު މުއްތަބިލު ވިދާޅުވީ 2026 ވަނަ އަހަރު ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓް އެއް ކަނޑައެޅިފައި ނުވާ ކަމަށެވެ.  

2026 ވަނަ އަހަރުގެ ބަޖެޓު ސަރުކާރުން ހުށަހަޅައި، ބެޖެޓަށް ބަހުސް ކުރަމުން ދިޔަ އިރު އިދިކޮޅު މެންބަރުން ވަނީ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކަށް ވަކި މިންވަރެއް ކަނޑައަޅާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅު ކުރައްވާފަ އެވެ. އަދި މިއީ މަޝްރޫއުތައް ހިނގާ ނުހިނގާ ގޮތް ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ރާވައިގެން ކުރުމަށް ނިންމާފައިވާ ކަމެއް ކަމަށް ވެސް މެންބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ. 

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިދިޔަ އެމްޑީޕީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ އިތުރުން މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާ ބިންގާ އަޅާފައިވާ މަޝްރޫއުތައް ވެސް ކުރިއަށް ނުދާ ކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ ބޮޑުހިލަ ލިބުންދަތިވުމާ ގުޅިގެން ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު މަޝްރޫއުތައް އަލުން ފަށައިގެން ކުރިއަށް ދާ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް ރަށްރަށުގެ ކައުންސިލްތަކާ ސިޓީ ކައުންސިލްތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް ވަނީ މަޝްރޫއުތައް އަދިވެސް ހުއްޓިފައިވާ ކަމަށް ބުނެފަ އެވެ.