މާލެ ޓެކްސީ ލައިންގެ ކާރެއް ޕޭމެންޓު މަތީގައި ހުރި ހޮޅިދަނޑިއަކަށް އަރައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ، ހުޅުމާލޭގެ ބަގީޗާ ހިނގުމުގައި ޕޭވްމަންޓް މަތީގައި ހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު އާދިއްތަ ދުވަހުގެ ފަތިހު 04:33 އެހައިކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

އެ އެކްސިޑެންޓްގައި ކާރު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި ނަމަވެސް ޑްރައިވަރަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި އެކްސިޑެންޓާ ގުޅިގެން ކާރުގެ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށާއި، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ކާރުގެ ކުރީކޮޅަށް ހޮޅިދަނޑި އަރާފައިވާތީ ކާރުގެ ކުރީކޮޅު އެއްކޮށް އޮތީ ބެންޑުވެ ހަލާކުވެފަ އެވެ. 

މިފަހަކަށް އައިސް މާލެސިޓީގައި ހިނގާ އެކްސިޑެންޓްތައް ވަނީ ވަރަށް ބޮޑަށް އިތުވެފަ އެވެ. ނުރައްކާތެރި އެކްސިޑެންޓް ހިނގައި މިފަހުން ވެސް މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ.