ރަސްމާލެ މަޝްރޫއަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި
ބަޖެޓާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގަމުންދާ މަޝްރޫއެއް ކަމަށް ރައްޔިތުންގެ
މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދިން "ދިވެހީންގެ ބިން ދިވެހިންނަށް"
ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ޔައުޤޫބް ވަނީ މި މަޝްރޫއުގެ ދެފުށް ފެންނަ މިންވަރާ
މެދު ބޮޑެތި ސުވާލުތަކެއް އުފައްދަވާފަ އެވެ.

ޔައުޤޫބް ވިދާޅުވީ ރަސްމާލެ މަޝްރޫއު ފެށިގެން އައީވެސް
ޤާނޫނާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ
ބޮޑު އަޣުލަބިއްޔަތަކުން، އެ މަޝްރޫއަކީ އެ ވަގުތަށް ކުރަން މުހިއްމު ކަމެއް ނޫން ކަމަށް
ނިންމައި، ބަޖެޓު ފާސްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ވަނީ މަޖިލީހުގެ އެ ނިންމުމަށް ގޮންޖައްސަވައި، މުޅި ސަރުކާރުގެ އެންމެ އިސްކަންދޭ
މަޝްރޫއުގެ ގޮތުގައި ރަސްމާލެ މަޝްރޫއު ހައްދަވާފައި ކަމަށް ޔައުޤޫބް ވިދާޅުވި އެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން
ޔައުޤޫބް ވަނީ ރައީސް މުއިއްޒު ދާދިފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅުވައިގެން
ވާހަކަ ދައްކަވާފަ އެވެ. ޔައުޤޫބް ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ސިންގަޕޫރަށް
ވަޑައިގެންނެވީ ރަސްމާލެ މަޝްރޫއުގެ "ޑީލް" ތަކުން ލިބޭ ކޮމިޝަން ނުވަތަ
"ކަޓު" ނަންގަވާށެވެ. އަދި އެ މަޝްރޫއުން ލިބެން އޮތް ކޮމިޝަން ނެންގެވުމަށް
އެމަނިކުފާނު ސީދާ އަމިއްލަފުޅަށް އެ ގައުމަށް ވަޑައިގެންނެވި ކަމަށްވެސް ޔައުޤޫބް
ވިދާޅުވި އެވެ.

މީގެ އިތުރުން ޔައުޤޫބް ވިދާޅުވީ ރައީސް މުއިއްޒަކީ
އާންމުންގެ މެދުގައި މަގުބޫލުކަން ކުޑަ ނުވަތަ "އަންޕޮޕިއުލަރ" ބޭފުޅެއްކަން
އެމަނިކުފާނު އަމިއްލަފުޅަށްވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި ދެވަނަ ދައުރަކަށް
އިންތިޚާބު ނުވެވޭނެކަން ޔަގީންވާތީ، ރައީސްގެ މިހާރުގެ އަމާޒަކީ ވެރިކަމުން ފޭބުމުގެ
ކުރިން ރާއްޖޭގައި ތިބި އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނުން ކަމަށް ޔައުޤޫބް
ވިދާޅުވި އެވެ.

ޔައުޤޫބް ވަނީ ރަސްމާލެ މަޝްރޫއަކީ ރައްޔިތުންގެ މަޖިލީހުން
ފާސްކުރި ބަޖެޓާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގަމުންދާ މަޝްރޫއެއް
ކަމަށް ވިދާޅުވެ، މަޝްރޫއާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅު ކުރައްވާފަ
އެވެ.