ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގެ ތުހުމަތުގައި 4 މީހުން ހައްޔަރު ކޮށްފި އެވެ. 

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގަ އެވެ. ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހުމުގެ ސަބަބުން އަނިޔާވި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އެ އޮފިސަރަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ބެރިކޭޑްގައި ޖައްސައި، އެއަށްފަހު ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާ ހިނގި ވަގުތު އިތުރު ތިން ސައިކަލެއް މިކަމުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ އޮފިސަރުގެ ގައިގައި ޖެއްސި ސައިކަލު ޓޯކޮށް، އެ ސައިކަލުގައި ތިބި ދެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އަދި މި އަމަލުގައި ޝާމިލްވާ ކަމަށް ބެލެވޭ އިތުރު ދެމީހަކާއި ސައިކަލެއް ލޮކޭޓްކޮށް، އެމީހުން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

އެ 4 މީހުން ވެސް 5 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. ކޯޓު އަމުރުތަކުގައިވާ ގޮތުން އެ 4 މީހުން ވެސް މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް އެވެ. 

މި ހާދިސާއާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ފަސްޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން، މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީ ހަމަތަކުގެ މަތިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.