ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު ވެރިކޮށް، ސަރުކާރު ހިންގަން އުޅެނީ ރައްޔިތުންނަށް ބިރު ދައްކާ، ރައްޔިތުން ޓެރަރައިޒް ކޮށްގެން ކަމަށް އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހްމަދު ފަޔާޒް (ޕާޕާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕާޕާ ވަނީ މި ގައުމުގައި މިއަދު ކަންކަން އޮތީ އިންތިހާ އަށް ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކޮންމެ ކަމެއްގައި ވެސް ރައްޔިތުން ބިރު ދައްކަމުންދާ ކަން ފާހަގަ ކުރައްވާ ޕާޕާ ވަނީ އާންމު ރައްޔިތުންނާ، ވިޔަފާރިތަކާ، ސިޔާސީ ޕާޓީތަކުގެ އިތުރުން މިނިވަން މުއައްސަސާ ތަކަށް ވެސް މި ސަރުކާރުން ބިރު ދައްކަމުން ދާ ކަމަށް ވިދާޅުވެފަ އެވެ. 

ޚާއްސަކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅު ކުރިޔަ ނުދީ އެކި ގޮތްގޮތުން ބިރު ދައްކަމުންދާއިރު، ސިޔާސީ ޕާޓީ ތަކުން އެއްވުންތައް ބޭއްވުމާއި، ޚިޔާލު ފާޅު ކުރުމަށް ކުރާ މަސައްކަތް ވެސް ހުއްޓުވުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ޕާޕާ ވިދާޅުވި އެވެ. 

ސިޔާސީ ހަރަކާތްތައް ހިންގާ ނުވަތަ ސިޔާސީ ހިންގުމާ އުފެއްދުމާ މި ކަންކަން ބެލެހެއްޓުން ގާނޫނުގެ ދަށުން މަތިކޮށްފަ މި އޮންނަނީ އިލެކްޝަންސް ކޮމިޝަނާ. އެހެން ނަމަވެސް މިއަދު ސިޔާސީ ހަރަކާތް ހިންގާނެ ފުރުސަތެއް ނުދީ މި ސަރުކާރުން ކަންކަން ކުރަނީ. މިއީ ސަރުކާރުން ބިރު ދައްކައިގެން ރައްޔިތުން ޓެރަރައިޒް ކޮށްގެން މިއުޅެނީ މި ސަރުކާރު ހިންގަން ވެސް. އެހެން ނަމަވެސް އެކަން އެ ގޮތަކަށް ނުކުރެވޭނެ. ގާނޫނު އަސާސީ އިން އަޅުގަނޑުމެންނަށް އެބަ އޮތް އެ އިހުތިޔާރު ދީފަ. އެއްވެ އުޅުމުގެ މިނިވަންކަމާ ކަންކަން. އެ ހަންޏެއް ނުކުރެވޭނެ ގާނޫނަކުން. ލިބޭ ތަނެއްގަ މުޒާހަރާ ވެސް ކުރާނަން. އެއްވުން ވެސް ބާއްވާނަން. 
އަހްމަދު ފަޔާޒް (ޕާޕާ) 

ޕާޕާ ވިދާޅުވީ މިއަދު މިނިވަން މުއައްސަސާތައް ވެސް ތިބީ މި ސަރުކާރާ މެދު އިންތިހާ އަށް ފޫހިވެފައި ކަމަށެވެ. އަދި ފުލުހުންނާ ސިފައިން ވެސް ތިބީ މި ސަރުކާދު ދެކެ ފޫހިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުން ނުހުއްޓުވޭނެ ކަމަށެވެ. 

ރައްޔިތުންގެ އަޑު ސަރުކާރަށް އިދިކޮޅުން އިއްވާނެ ކަމަށާ، އެކަން ކުރުމަށް ކުރެވެން ހުރި މަސައްކަތް ވަރުބަލި ކަމެއް ނެތި ކުރައްވާނެ ކަމަށް ވެސް ޕާޕާ ވިދާޅުވި އެވެ. އަދި މުޒާހަރާތަކާ އެއްވުންތައް ވެސް ބާއްވާނެ ކަމަށް ޕާޕާ ވަނީ ވިދާޅުވެފަ އެވެ.