ގޯތިގެދޮރު
އެޅުމަށް ބެންކުން ދޫކުރާ ލޯނުގެ އިކުއިޓީއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބައެއް
ސަރުކާރުން ދައްކައިދޭ ގޮތަށް އުސޫލެއް އެކުލަވާލާ އެފަދަ ސްކީމެއް ފެށުމަށް ތައްޔާރުވަމުން
އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

އެކަން ހާމަކުރެއްވީ
ރައްޔިތުންގެ އަޑު ސިލްސިލާގެ ދިހަވަނަ ޕްރޮގްރާމްގައި އާންމުންގެ މީހަކު ހުށައެޅި
ޝަކުވާއަކާއި ގުޅިގެން ދެއްވި ޖަވާބުގަ އެވެ.

ރައީސް ވިދާޅުވީ
ލޯނު ލިބުމަށް އޮތް ފުރުސަތު ފަހިކޮށްދީ އުސޫލުތައް އިތުރަށް ލުއިކޮށްދިނުމާއި ވީހާވެސް
ގިނަ ބަޔަކަށް ގޯތި ލޯނު ލިބޭނެ ގޮތް ހަދައިދޭން ބޭނުންފުޅުވާ ކަމަށެވެ.

ލޯނު ލިބުމަށް
ގިނަ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ބެންކަށް ދައްކަން ޖެހޭ ފަސްޕަސެންޓްގެ
ފައިސާކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމަށް ހައްލެއް ހޯދައިދިނުމަށް
ޚާއްސަ ސްކީމެއް ފެއްޓެވުމަށް ނިންމަވާ އެކަމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ
ކަމަށެވެ.

އެކަމަށް
ޚާއްސަކޮށް ޓްރަސްޓް ފަންޑުގައި މިހާރުވެސް ފައިސާ ބަހައްޓާފައިވާ ކަމަށާއި އިކުއިޓީއަށް
ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބައެއް އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ކަމަށްވެސް
ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިއީ ލޯނެއް
ނޫން ކަމަށާއި، ސަރުކާރުން ދެނީ އިކުއިޓީ ކޮމްޕޯނަންޓަށް ދޭ އަނބުރާ ދައްކަން ނުޖެހޭ
އެއްޗެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކޮންމެ މީހަކަށް ދެލައްކަ ރުފިޔާވަރު
ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގޭގައި ތިން
ހަތަރު މީހުން އެއްކޮށްލައިގެން ޖުމްލަ މިލިއަނެއްހާ ރުފިޔާވެސް ލިބިދާނެ ކަމަށާއި،
ފަސް މީހަކު ތިބެއްޖެއްޔާ އެވަރަށް ލިބިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސްކީމަކީ
ގޯތިގެދޮރު ހޯދުމަށް ރައްޔިތުންނަށް ލިބޭ ބޮޑު ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން
ފެށުމަށް ނިންމާފައިވާ މުހިންމު ޕްރޮގްރާމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.