ރަސްމާލޭގައި
ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް
ސަރުކާރުގެ ވަޒީރުން ވިދާޅުވި ކަމަށާއި، އެކަމަށް ހެކިވާނެ ބޭފުޅުން
އެބަތިބިކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެ އެވެ.

ޝެއިހް
އެހެން ވިދާޅުވީ، ދާޚިލީ ވަޒީރު އަލީ އިޙުސާން އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް
ވިދާޅުވުމާ ގުޅިގެން ފޭސްބުކްގައި ދެއްވި ރައްދުގައެވެ.

ޝެއިހް ވިދާޅުވީ،
މި ވާހަކަތަކަކީ ކަމާބެހޭ އެންމެ އިސް ފަރާތްތަކާ ބައްދަލުކޮށް، އެތައް ގަޑިއިރެއް
އިށީނދެ އިނދެ ވާހަކަ ދައްކައި، މަޝްވަރާކުރެވި، އޭގެން ލިބުނު މަޢުލޫމާތުގެ މައްޗަށް
ބިނާކޮށާއި، އަދި ސީދާ އެ މަޢުލޫމާތު އެއްވެސް ބަދަލުކުރުމަކާ ނުލައި ވިދާޅުވާ ވާހަކަތަކެއް
ކަމަށެވެ. އަދި މި ވާހަކަތަކަކީ، އެ ބައްދަލުވުންތަކުގައި އެއްކުރެވުނު ގިނަގުނަ މަޢުލޫމާތުތަކުގެ
އަލީގައި ކުރެވި ނިމިފައިވާ ޢިލްމީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ހާމަކުރާ ވާހަކަތަކެއް
ކަމަށް ވިދާޅުވި އެވެ.

ރަސްމާލެ
އަލައްބާރަށް ދޭން އުޅޭ މައްސަލައިގައި ބައްދަލު ކުރެވުނު ކަމާ ބެހޭ ފަރާތްތަކުގެ ތެރޭގައި
ވަޒީރުން ފެންވަރުގެ ފަސްވަރަކަށް ބޭފުޅުންނާ ބައްދަލު ކުރެވުނު ކަމަށް ޝެއިހް ވިދާޅުވި
އެވެ. މި ބައްދަލުވުންތަކުގައި އިތުރު ދެ ތިން ޢިލްމުވެރިން ވެސް ބައިވެރިވެ ވަޑައިގެންފައިވާ
ކަމަށް އޭނާ ވިދާޅުވި އެވެ.

ޝެއިހް ސުވާލު
އުފައްދަވާފައިވަނީ، 30000 ބިދޭސީ މަލްޓި މިލިއަނަރުންނާއި އެތަނުގައި މަސައްކަތްކުރަން
ޤާއިމުވެ ޢާއިލާތަކާ އެކު ވަޒަންވެރިވާނެ އެތައް ހާސް ދިވެހި މުވައްޒަފުންގެ ސެކިއުރިޓީގެ
ކަންކަން އަދިވެސް ކަނޑަނޭޅޭ ކަމީ ހައިރާންވާޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

ޝެއިހް ވިދާޅުވީ،
އެތަނުގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ
ސެކިއުރިޓީންކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ވަޒީރުން ވިދާޅުވެފައިވާ
ކަމަށެވެ. އަދި ދިވެހި ފުލުހުންނަށް ވަދެވޭނީ، ކުށެއް ހިނގައިގެން ރިޕޯޓު ކުރުމުން
ކަމަށާއި، ދިވެހި ފުލުހުންނަށް ހަމައެކަނި ލިބޭނީ، އެތަނުގެ ސީސީޓީވީ ކެމެރާތަނުގެ
އެކްސެސް ކަމަށް ވިދާޅުވިކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މި ވާހަކަތައް
މިގޮތަށް ދެއްކި ކަމަށް އެ ބައްދަލުވުންތަކަށް ދިޔަ އެހެން ޢިލްމުވެރިން ހެކިވާނެ ކަމަށްވެސް
އޭނާ ވިދާޅުވިއެވެ.

މިވާހަކަ
މިފަދައިން އައުމުން އަޅުގަނޑުމެންގެ ތެރެއިން އެއް ޢިލްމުވެރިއަކު ސުވާލު ކުރެއްވިއެވެ.
މިޞްރުގެ "މަރާސީގައި ޕޮލިހަށް ނުވަދެވޭ" ނޫންތޯއެވެ؟ ޖަވާބުގައި ވަޒީރު
ވިދާޅުވީ މިހެންނެވެ: "އަސްލު ވާގޮތަކީ، އިޖިޕްޓުގަ އެކަން ކުރަން، ކުރާ އެއް
ސަބަބަކީ ކަރަޕްޝަން ކަންތައް ބޮޑީ. އެވާގޮތަކީ، އެތަނަށް ފުލުހުން ވަދެ، އުނދަގޫވެސް
ކުރަނީ ... ކަންތައްތަކަށް ޑިމާންޑުކޮށް (ހަދަނީ)". މިފެންވަރުގެ ވިސްނުންމާއި
ތަޞައްވުރު ދިވެހިރާއްޖޭގެ ވަޒީރުކަން ކުރައްވާ ބޭފުޅުންގެ ހުންނަ ހިސާބުން ވެސް އަޅުގަނޑުމެން
ހަމަ އެއްވެސް އެއްޗެއް ނުބުނެ ތިބެންވީތޯ؟ މާދަމާ، އަންނާން އޮތް ވެރިކަމަކުން ތެދުވެ
ދިވެހި ފުލުހުންނާ މެދު ތުހުމަތެއްކޮށްފައި، އެބޭފުޅުން ރަސްމާލެއަށް އެރުން މަނާ ނުކުރާނެ
ކަމެއް ކިހިނެއްތޯ އެނގެނީ؟
ޒަމްޒަމް ފާރިޝް

ޝެއިހް ވިދާޅުވީ،
ޢިލްމުވެރިންގެ ގުޅުމުން އެކުލަވާލައިފައިވާ 100 ވަރަކަށް ޞަފުޙާގެ ރަސްމާލެ ރިޕޯޓު
މިހާރު ވަނީ ނިމިފައި ކަމަށެވެ. އެ ރިޕޯޓު ސަރުކާރާއި ދައުލަތުގެ ކަމާ ބެހޭ ފާރާތްތަކަށް
ވަރަށް އަވަހަށް ފޯރާނެ ކަމުގައި އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.