ސިނަމާލެ
ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ
ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި
އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން
ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

 މި ހާދިސާއާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު
މުހައްމަދު (ޓޫފޯ) ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ މަގުމަތީގެ ރައްކާތެރިކަން
ކަށަވަރުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ފަސްޖެއްސުމުގެ
މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާ
ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން
ހުޅުމާލެއަށް ދަތުރުކުރާ ފަޅީގަ އެވެ. ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން
ޖެހުމުގެ ސަބަބުން އަނިޔާވި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި
ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އެ އޮފިސަރަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި
ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން
ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި
ދިޔަ ސައިކަލެއް، މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ބެރިކޭޑްގައި ޖައްސައި،
އެއަށްފަހު ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާ ހިނގި ވަގުތު
އިތުރު ތިން ސައިކަލެއް މިކަމުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް
ފުލުހުން ބުނެ އެވެ.

މި މައްސަލައާ
ގުޅިގެން ފުލުހުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އެގޮތުން ފުލުހުންގެ
އޮފިސަރުގެ ގައިގައި ޖެއްސި ސައިކަލު ޓޯކޮށް، އެ ސައިކަލުގައި ތިބި ދެމީހުން ވަނީ ފުލުހުންގެ
ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މީގެ އިތުރުން
މި އަމަލުގައި ޝާމިލްވާ ކަމަށް ބެލެވޭ އިތުރު ދެމީހަކާއި ސައިކަލެއް ލޮކޭޓްކޮށް، އެމީހުންވެސް
މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ކޮމިޝަނަރ
އޮފް ޕޮލިސް ވިދާޅުވީ، މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް
ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް
ފަސްނުޖެހި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ސާބިތުކަމާއެކު
ދެމިތިބޭނެ ކަމުގެ ޔަގީންކަން ސީޕީ އެންމެހައި ރައްޔިތުންނަށް އެރުވި އެވެ.

މީގެ އިތުރުން،
މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ
ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީ ހަމަތަކުގެ މަތިން އެޅެން ހުރި އެންމެ ހަރުކަށި
ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.