ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފި އެވެ.

ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ބޭއްވެވި މި ބައްދަލުކުރެއްވުން ތިން ގަޑިއިރަށް ދެމިގެންދިޔަ އެވެ.

މި ބައްދަލުކުރެއްވުމުގައި ފައިސަލްގެ އިތުރުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު އަދި ޕާޓީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއާ ގުޅިގެން މިފަދަ މަޝްވަރާ ބައްދަލުވުންތައް އަބަދުވެސް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ރައީސް ސޯލިހާއެކު ބޭއްވުނު ބައްދަލުވުމަކީ ވެސް އެގޮތުން އާންމުކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން އެއް ބައްދަލުވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ ރައީސް ސޯލިހުގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދާ އެކުގައި ކަމަށެވެ. އަދި ޕްރައިމަރީއަށް ކުރިމަތިލެއްވުމަށް ނިންމެވި ނިންމެވުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި، ރަނިންމޭޓަކަށް އާދަމް އާޒިމް ހަމަޖައްސަވައިގެން އެ ނިންމުމާއެކު ސާބިތުކަމާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް ނަސީމް ރަސްމީކޮށް އިއުލާނު ކުރެއްވީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި އާޒިމް ހަމަޖެއްސެވި ފަހުން، ދެ ބޭފުޅުން ގުޅިވަޑައިގެން ކެމްޕޭނުގެ ތަފާތު ހަރަކާތްތައް މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ދަނީ ހިންގަވަމުންނެވެ. އެ ހަރަކާތްތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެމްޑީޕީގެ ކުރިއަށް އޮތް ވެރިކަމެއްގައި އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވެސް ފައިސަލް ގެންދަވަނީ ވިދާޅުވަމުންނެވެ.