ކައުންސިލް އިންތިހާބާއި ދިމާކޮށް ރ. މީދޫގައި ބިންގާ އެޅި ހޮސްޕިޓަލް މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އާރްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލިމަނިކު (މޫކޭ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މީދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ލަސްވެގެން އެ ވާހަކަދައްކަވަމުން އައިސް މިސަރުކާރަށް އިތުރަށް ކުރެވުނު ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފައިވާ ހޮސްޕިޓަލް އަނެއްކާ ވެސް އާރްޑީސީއަށް ހަވާލުކުރުން ކަމަށެވެ. 

މޫކޭ ވިދާޅުވީ، ދެވަނަ ފަހަރަށް އާރްޑީސީއާ ހަވާލުކޮށްފައި 25ހަކަށް ސްޓާފްއިން ނަގާފައި އެބަހުރި ކަމަށެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުދާ ކަމަށް މޫކޭ ވިދާޅުވި އެވެ. 

ފެންސް ޖަހާލާފައި ހަމަ ވައު ހެދިފައި އޮތް ތަނެއް، އަދިވެސް އޮތީ އެގޮތަށް އެއްކަމެއް ވެސް ހަމަ އެއްކަމެއް ވެސް ނުކުރޭ. ރައީސް މުއިއްޒު ސްޕީޑް ދައްކަން އައި ބޭފުޅަކަށް އަޅުގަނޑުމެން ފެންނަ ހިސާބަކަށް ވެސް އަދި ނާދެވޭ، އެހެންވީމަ މިފެންނަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރަން އައި ބޭފުޅުންގެ ތެރެއިން އެންމެ ލޮނު މަޑު އެންމެ ސްޕީޑް ދަށް އެންމެ ވަންދު މީހެއްގެ ގޮތުގައި ރައީސް މުއިއްޒު އަސްލުގައި މުޅި ރާއްޖެއަށް ފެނިގެން މިދިއައީ. 
މޫސާ އަލިމަނިކު (މޫކޭ)

ހެލްތް މިނިސްޓަރު ގީލާ އަލީ މީދޫ ހޮސްޕިޓަލުގެ މަސައްކަތް މިއަންނަ އަހަރުގެ ފަހުކޮޅަށް ނިންމަވާނެ ކަމަށް ވިދާޅުވިކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ މި މަޝްރޫއު އާރްޑީސީން އެމްޓީސީސީއަށް ހަވާލުކުރުމުގައި ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމުގައި 2 އަހަރު ނަގާފާނެ ކަމަށާއި ދުވަހަކު އަދި މިހާތަނަށް ވިދާޅުވި ގޮތަކަށް ކަމެއް ހިނގާފައި ނެތް ކަމަށެވެ.

ރ. މީދޫ ހޮސްޕިޓަލް މަޝްރޫއުއަކީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުއެކެވެ. އެގޮތުން، މި މަސައްކަތް ފައްޓަވައިދެއްވީ އޭރުގެ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި އަރިހުގައި މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޒާހިރު އާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މީދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އަދި މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށެވެ. 

މި މަޝްރޫއުއާ ގުޅޭ ގޮތުން ރައީސް އޮފީހުން ބާއްވާ އަހާ ފޯރަމްގައި ހެލްތް މިނިސްޓަރު ގީލާ އާއި ސުވާލު ދެންނެވުމުން ވަނީ މި މަޝްރޫއުއަކީ މިހާރު އެމްޓީސީސީއާ ހަވާލުކުރަން ނިންމާފައިވާ މަޝްރޫއުއެއް ކަމަށް ވިދާޅުވެފައި އެވެ. އަދި މިހާރު އާރްޑީސީން އެމްޓީސީސީއަށް ބަދަލުކުރުމުގައި ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް މިނިސްޓަރު ގީލާ ވިދާޅުވި އެވެ.