ތިލަމާލެ ބްރިޖް ގުޅިގެން އަންނައިރު މާލެއިން ވިލިމާލެއަށް އަންނާނެ ގޮތަކާއި މެދު ވިލިމާލެ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށާއި، އޭގެ އެއްވެސް ޕްލޭނެއް ސަރުކާރުން ސިޓީ ކައުންސިލަށް ހިއްސާކޮށްފައި ނުވާ ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

ވިލިމާލެ ރައްޔިތުންނާއި ބައްދަލުކުރައްވާ އެފަރާތްތަކުގެ ކަންބޮޑުވުން އަޑުއެއްސެވުމަށްފަހު ދެއްވި އިންޓަވިއުގައި މޭޔަރު އާޒިމް ވިދާޅުވީ، މިސަރުކާރުގެ ހަމައެކަނި ޒިންމާއަކަށް ވެފައި އޮންނަނީ މީހުންނަށް ޖެއްސުން ކުރުމާއި އުނދަގޫ ކުރުން ކަމަށާއި އެނޫން ކަމެއް ކުރާތަން ނުފެންނަ ކަމަށެވެ. 

އެގޮތުން، ތިލަމާލެ ބްރިޖް ގުޅިގެން އަންނައިރު މާލެއިން ވިލިމާލެއަށް އަންނާނީ ކިހިނެއްތޯ، ޕާކު ކުރާނީ ކިހިނެއްތޯ އަދި ދަތުރުފަތުރު ކުރާނީ ކިހިނެއްތޯ ސާފު ނުވާތީ ވިލިމާލެ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.

މޭޔަރު އާޒިމް ވިދާޅުވީ މިއިން އެއްވެސް ކަމެއް ސަރުކާރުން ނުރާވާ ކަމަށެވެ. ހަމައެއާއެކު އާޒިމް ވަނީ ވިލިމާލެ ރައްޔިތުންނަށް ދިމާވާ އިތުރުކަންބޮޑުވުންތައް ވެސް ހިއްސާކޮށްފައި އެވެ. 

އެބޭފުޅުން ކަންބޮޑުވާ ގިނަ ކަންތައް ތަކެއް ފާހަގަކުރެވިގެން ދިޔަ އެގޮތުގެ ތެރޭގައި މިރަށުގެ ބަނދަރުގެ ތެރޭގައި އުޅޭ ދޯނިތަކުގެ ތެރޭގައި ބައެއް މައްސަލަތައް އެބަހުރި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެކަމަށް ވެސް ހައްލުތައް ހޯދަން މަސައްކަތް ކުރަން ޖެހޭ. އަދި ހަމައެއާއެކު އެންމެ ބޮޑު މައްސަލައަކަށް ފާހަގަވެގެން ދިޔައީ ގޯތި ގެދޮރުގެ މައްސަލަ، އުޅެން ޖެހޭލޭ ދަތިކަމުގެ މައްސަލަ އަދި ހަމަ ސަރުކާރުން ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ވަޒީފާތަކުން ވަކިކުރާ މައްސަލަ. މިހިރަ ކަހަލަ ބައިވަރު މައްސަލަތައް ވަރަށް އަނިޔާވެރިކޮށް ކަންތައްތައް ކުރާ މައްސަލަތައް ރަށުތެރޭގައި އަޅުގަނޑުމެންނަށް ހިއްސާކުރަމުން ދިޔަ
އާދަމް އާޒިމް

މޭޔަރު އާޒިމް ވަނީ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް އޯގާތެރިވާނެ ކަމަށާއި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ. އަދި ވިލިމާލެ ރައްޔިތުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.