މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމާފައިވާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ހުކުރު ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފަ އެވެ.
އެކަމާ ގުޅިގެން ކައުންސިލުން ފާސްކުރި ގަރާރުގައި ފާހަގަކޮށްފައިވަނީ، އެ ބިންތައް އަތުލުމަށް މިނިސްޓްރީން އެންގީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއަކަށް ހަވާލާދީ ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކައުންސިލަށް ދީފައިވީ ނަމަވެސް، ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ހިއްސާކޮށްފައި ނުވާ ކަމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން ޕްރޮޖެކްޓުތަކުގެ ނަން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ހިމަނާފައި ނުވާ ކަމަށާ ގާނޫނުގެ ނައްސަށް ބަލާއިރު އެއް ދުވަހުން ދައުލަތުގެ ހުރިހާ ތަރައްގީގެ މަޝްރޫތައް ހިންގުމަށް ބިންތަކެއް އެކީ އެއްފަހަރާ އަތުލުމަކީ ގާނޫނު ތަސައްވުރު ކުރާ ކަމެއް ކަމަށް ނުވާތީ ކައުންސިލުން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށާއި ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް ނިންމާ ކަމަށް އެ ގަރާރުގައި ވެ އެވެ.
މާލެ
ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމާފައިވާ
ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ހާމަކުރީ ބުރާސްފަތި ދުވަހު އެވެ.
މިނިސްޓްރީން
ކުރި އިއުލާނުގައި ވާ ގޮތުން މާލެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ
ތަރައްޤީގެ މަސައްކަތް ކުރުމަށާއި، އިންފްރާސްޓްރަކްޗަރގެ ޚިދުމަތް ދިނުމަށާއި އެ
ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ
ބިންތަކުގައި އެ ކަމާކާ ގުޅުންހުރި މަޝްރޫއުތައް ހިންގުމަށްޓަކައި އެ ބިންތައް
ކައުންސިލްގެ އިޚްތިސާސުން ވަކިކޮށް، ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި
ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އިންފްރާސްޓްރަކްޗަރ
މިނިސްޓްރީން ނަގަން ނިންމާފައިވާ ބިންތަކުގެ ތެރޭގައި ހިމެނެނީ ސަލްޓަން ޕާކާއި
ގައުމީ ދާރުލްއާސާރު، މަސް މާރުކޭޓު، މަސް މާރުކޭޓުގެ ހިއްކައިފައި އޮތް
ސަރަހައްދު، ލޯކަލް މާރުކޭޓު، މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ
އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން، ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ
އިމާރާތް، ކާނިވާ ސަރަހައްދު، އާޓިފިޝަލް ބީޗު، މަސްވެރިންގެ މައިޒާން، ތައިސޭ
ކޮށި، ކުލީ ފާޚާނާ ނަންބަރު 2، ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ
ބިން، ބޮނޑިބަތް ޕާކު، އަދި ރަސްފަންނެވެ.
އެ
ބިންތަކުގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި ގުޅޭގޮތުން ޚިޔާލެއް ނުވަތަ ޝަކުވާ
ހުށަހެޅުމަށް އެއްވެސް ފަރާތަކުން ބޭނުންވާނަމަ ބުރާސްފަތި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް
ވެސް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ވަނީ އެދިފަ އެވެ.